ކ. މާލެ
|
21 މާރޗް 2018 | ބުދަ 21:28
އެންޓޮއިން ގްރީޒްމަން
އެންޓޮއިން ގްރީޒްމަން
ގެޓީ އިމޭޖަސް
އެންޓޮއިން ގްރީޒްމަން
ވޯލްޑް ކަޕްގެ ކުރިން ކުރިމަގާއި މެދު ގޮތެއް ނިންމަން ގްރީޒްމަން ބޭނުން
ގްރީޒްމަން ހޯދުމަށް ބާސާއިން އަންނަނީ މަސައްކަތްކުރަމުން

މި އަހަރުގެ ޖޫން މަހު ރަޝިއާގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކުރިން ކުރިމަގާއި މެދު ވަކި ގޮތެއް ނިންމަން ބޭނުންވާ ކަމަށް އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފިއެވެ.

ގްރީޒްމަން މިހެން ބުނެފައިވާއިރު އޭނާ ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބާސާއާއެކު ގްރީޒްމަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެޓްލެޓިކޯ އެންމެ ފަހުން ލަލީގާގައި ޖެހި 11 ލަނޑުގެ ތެރެއިން އަށް ލަނޑު ޖަހާފައިވަނީ ގްރީޒްމަންއެވެ.

ފްރާންސްގެ މަޖައްލާއަކާއި ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ ރަޝިއާއަށް ދަތުރުކުރަން ބޭނުމީ ކުރިމަގާއި މެދު ގޮތެއް ނިންމުމަށް ފަހު ކަމަށާއި ކުޅެން ބޭނުންވާ ކްލަބް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ. އޭނާ ބުނީ މިހާރު ވެސް އެޓްލެޓިކޯ ދޫކޮށްލުމާއި މެދު ގޮތެއް ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް ކޮންމެ މީހަކު ވެސް އެ ސުވާލު ކުރުމުން ވަރަށް އުނދަގޫވާ ކަމަށެވެ.

މިދިޔަ އަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގައި ގްރީޒްމަންއަށް ލިބިފައިވަނީ ތިންވަނައެވެ. އޭނާ ބުނީ ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށާއި ބޭނުންވަނީ ޗެމްޕިއަންސް ލީގު ނުވަތަ ވޯލްޑް ކަޕް ކާމިޔާބުކުރަން ކަމަށެވެ. އޭނާ ބުނީ އޭގެއިން މުބާރާތެއް ކާމިޔާބު ކުރެވިއްޖެނަމަ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބޭނެ ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް ބޭނުންވަނީ ޓީމަށް ކާމިޔާބު ހޯދުމަށް ކަމަށާއި ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑޫ ލިބުނު ނަމަވެސް އެ އެވޯޑުގެ ބަދަލުގައި ޔޫރޯގެ ތަށި ލިބުނުނަމަ އޭނާ މާ ބޮޑަށް ހިތްހަމަޖެހޭނެ ކަމަށެވެ.

އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒްފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.

އެޓްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނެފައިވަނީ އޭނާއަކީ ތަފާތު މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިޔެއް ކަމަށާއި އޭނާ އާއި ސަޕޯޓަރުންނާ ދެމެދު ވެސް ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށެވެ. އޭނާ ބުނީ ހަގީގަތަކީ މިހާރު އޭނާއަކީ އެޓްލެޓިކޯއަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި މުސްތަގުބަލުގައި ވާނެ ގޮތެއް އެއްވެސް ވަރަކަށް ނޭނގޭ ކަމަށެވެ. މީގެކުރިން ދިން އިންޓަވިއުއެއްގައި ސިމިއޯނޭ ބުނެފައިވަނީ ގްރީޒްމަން އެހެން ޓީމަކަށް ބަދަލުވާން ބޭނުންވާނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޓްލެޓިކޯ އިން ވަނީ އެ ކްލަބުގެ ހުއްދަ ހޯދުމަކާއި ނުލައި އެ ކްލަބުގެ ވާދަވެރި ބާސެލޯނާއިން ގްރީޒްމަންއާ މަޝްވަރާކުރި ކަމަށް ބުނެ އެ މައްސަލަ ފީފާއަށް ހުށަހަޅާފައެވެ. ބާސާގެ ޑިރެކްޓަރު ވެސް ވަނީ މިފަދަ ކަމެއް ހިނގާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. އެޓްލެޓެކޯއިން މިފަދަ މައްސަލައެއް ހުށަހެޅިކަމަށް ފީފާއިން ކަށަވަރު ކޮށްދިން ނަމަވެސް އެ މައްސަލައިގައި ބާސާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު196 މެޗުގައި 105 ލަނޑު ޖަހަދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް