ކ. މާލެ
|
21 މާރޗް 2018 | ބުދަ 15:38
މިދިޔަ އަހަރުގެ ގައުމީ ޓީމުގެ ޕްރެކްޓިސް ތެރެއިން
މިދިޔަ އަހަރުގެ ގައުމީ ޓީމުގެ ޕްރެކްޓިސް ތެރެއިން
އެފްއޭއެމް
ރާއްޖޭގެ ގައުމީ ޓީމު
ބޫޓާނާއި ދެކޮޅަށް ނުކުންނަ ގައުމީ ސްކޮޑު އިއުލާނުކޮށްފި
ސްކޮޑުގައި 23 ކުޅުންތެރިން ހިމެނޭ
އެންމެ ގިނައިން ހިމެނެނީ ނިއު ރޭޑިއަންޓްގެ ކުޅުންތެރިން

އަންނަ ހަފްތާގެ އަންގާރަ ދުވަހު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑު އިއުލާނުކޮށްފިއެވެ.

ޖުމްލަ 23 ކުޅުންތެރިންނާއެކު ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާފައިވާއިރު މިފަހަރުގެ ސްކޮޑުގައި އެންމެ ގިނައިން ހިމެނިފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިންނެވެ. އެ ކްލަބްގެ އަށް ކުޅުންތެރިން ހިމެނޭއިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފަސް ކުޅުންތެރިޔަކު ހިމެނިފައިވެއެވެ. ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސްގެ ތިން ކުޅުންތެރިން ހިމެނިފައިވާއިރު ކްލަބް ގްރީން ސްޓްރީޓްސްއިން ހިމެނިފައިވަނީ ދެ ކުޅުންތެރިންނެވެ. ހަމައެހެންމެ ޔުނައިޓެޑް ވިކްޓްރީ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްއިން ގައުމީ ޓީމުގެ ސްކޮޑުން ފުރުސަތު ލިބުނީ ކޮންމެ ޓީމަކުން އެންމެ ކުޅުންތެރިޔަކަށެވެ.

ނިއުއިން ގައުމީ ޓީމަށް ނަގާފައިވަނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، އަކްރަމް އަބްދުލް ޣަނީ (އަކޫ) މުހައްމަދު އުމައިރު، ހަމްޒާ މުހައްމަދު (ހަމްޕު) އަލީ ފާސިރު (ސެންޓޭ) ހިސާމް ސަލީމް (ކޮކީ) އަދި ރިހާމް އަބްދުލް ޣަނީ (ބޮބީ) ގެ އިތުރުން ކީޕަރު މުހައްމަދު ފައިސަލްއެވެ. މާޒިޔާއިން ޓީމުގައި ހިމެނިފައިވަނީ ސަމޫހު އަލީ (ސަމުއްޓެ)، ޔަސްފާދު ހަބީބް (މުލަކޭ)، މުހައްމަދު އިރުފާނު (އިރޭ) އަދި މުޖުތާޒު މުހައްމަދު (މުޖޭ) ގެ އިތުރުން ހުސައިން ޝަރީފްއެވެ.

ހަމައެހެންމެ ޓީސީގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި އިބްރާހިމް ވަހީދުގެ އިތުރުން އައްޒާމް އަބްދުﷲ ހިމެނުނުއިރު ކްލަބް އީގަލްސްއިން ގައުމީ ޓީމަށް ހޮވުނީ މުހައްމަދު ނާއިމް އަދު ހުސައިން ޝިފާއު މޫސާގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް) އެވެ. ގްރީން ސްޓްރީޓްސްގެ އަސްހަދު އަލީ (އަޑުބަރޭ) އަދި އަބްދުﷲ ޔާމީން ސްކޮޑަށް ނަގާފައިވާއިރު ވިކްޓްރީގެ ހުސައިން ނިހާން އަދި ޔުނައިޓެޑް ވިކްޓްރީގެ ހަސަން ތޮލާލްއަށް ވެސް ވަނީ ގައުމީ ޓީމުން ފުރުސަތުދީފައެވެ.

ބޫޓާންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަކީ ކޮލިފައިންގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗަށްވާއިރު އެ މެޗުގައި ރާއްޖެއަށް އިރުޝާދު ދޭނީ އާ ކޯޗެކެވެ. އެގޮތުން އެފްއޭއެމްއިން ވަނީ ކްރޮއޭޝިއާގެ ޕީޓަރ ސެގެޓް ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އައްޔަނު ކޮށްފައެވެ. ސެގެޓް ބުނެފައިވާ ގޮތަށް އޭނާ ވަނީ ސްކޮޑުން ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތުދީފައެވެ.

މި ގްރޫޕްގައި ކުޅުނު ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ފަލަސްތީނު އޮތްއިރު އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއްނުވެއެވެ. ދެވަނައިގައި 12 ޕޮއިންޓާއެކު އޮމާން އޮތްއިރު ތިންވަނަގައި ތިން ޕޮއިންޓާއެކު އޮތީ ރާއްޖެއެވެ. މި ގްރޫޕްގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ބޫޓާންއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް