ކ. މާލެ
|
21 މާރޗް 2018 | ބުދަ 14:31
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
މުހައްމަދު ޝަރުހާން
އޭޝިއަން ކަޕް ކޮލިފައިން
ބޫޓާންއާ ދެކޮޅަށް އަންގާރަ ދުވަހު ރާއްޖެ ނުކުންނަނީ
މިއީ ރާއްޖޭގެ ޓީމު ކޮލިފައިންގައި ކުޅޭ އެންމެ ފަހު މެޗު
ކޮލިފައިންގައި ރާއްޖެ މޮޅުވީ ރަށުން ބޭރުގައި ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުން
ރާއްޖެ އޮތީ ކޮލިފައިން ގްރޫޕްގެ ތިންވަނައިގައި

އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް އަންނަ ހަފްތާގެ އަންގާރަ ދުވަހު ރާއްޖޭގެ ގައުމީ ޓީމު ނުކުންނާނެއެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނިފައިވަނީ ފަލަސްތީނާއި އޮމާން އަދި ބޫޓާންއާއެކު ގްރޫޕް ޑީގައެވެ. މިއީ ކޮލިފައިންގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗަށްވާއިރު ކޮލިފައިންގައި ރާއްޖެ މޮޅުވީ އެންމެ މެޗަކުންނެވެ. ރާއްޖެ މޮޅުވެފައިވަނީ ރަށުން ބޭރުގައި ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މި މެޗު ރާއްޖޭގެ ގައުމީ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ފަލަސްތީނާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު 3-0 ގެ ނަތީޖާއަކުން ބަލިވިއިރު ފަލަސްތީނުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ގްރޫޕުގައި ދެން ހިމެނޭ އޮމާންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 3-1 އިން ރާއްޖެ ބަލިވިއިރު އޮމާންގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މީގެކުރިން މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ އޮސްޓްރޭލިއާގެ ރިކީ ހާބާޓްއެވެ. އެފްއޭއެމްއިން އޭނާއަށް ދިން ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖޭގެ ޓީމު ކޮލިފައި ކޮށްދިނުން ކަމަށް ވާއިރު އޭނާގެ ކޮންޓްރެކްޓް ހަމަވެގެންދިޔައިރު ވެސް އެ ޓާގެޓަށް ވާސިލުވެވިފައެއްނުވެއެވެ.

ބޫޓާންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަކީ ކޮލިފައިންގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗަށްވާއިރު އެ މެޗުގައި ރާއްޖެއަށް އިރުޝާދު ދޭނީ އާ ކޯޗެކެވެ. އެގޮތުން އެފްއޭއެމްއިން ވަނީ ކްރޮއޭޝިއާގެ ޕީޓަރ ސެގެޓް ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އައްޔަނު ކޮށްފައެވެ. ބެލެވޭ  ގޮތުގައި ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭގެ ޓީމުގެ ސްކޮޑުން ގިނައިން ފުރުސަތުދޭނީ ޒުވާން ކުޅުންތެރިންނަށެވެ.

މި ގްރޫޕްގައި ކުޅުނު ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ފަލަސްތީނު އޮތްއިރު އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއްނުވެއެވެ. ދެވަނައިގައި 12 ޕޮއިންޓާއެކު އޮމާން އޮތްއިރު ތިންވަނަގައި ތިން ޕޮއިންޓާއެކު އޮތީ ރާއްޖެއެވެ. މި ގްރޫޕްގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ބޫޓާންއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް