ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 21:54
އެންގޯލޯ ކަންޓޭ
އެންގޯލޯ ކަންޓޭ
ސްކައި ނިއުސް
އެންގޯލޯ ކަންޓޭ
ޗެލްސީ ދޫކޮށްލުމުގެ ހިޔާލެއް ކަންޓޭ ނުގެންގުޅޭ
ޗެލްސީއާއެކު ކަންޓޭ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތް

ޗެލްސީ ދޫކޮށްލުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ބުނެފިއެވެ.

ލެސްޓާ ސިޓީއާއެކު 2016 ވަނަ އަހަރުގެ ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ފަހު ކަންޓޭ ވަނީ އެ ޓީމު ދޫކޮށް ޗެލްސީއާ ގުޅިފައެވެ. ޗެލްސީއާއެކު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކަންޓޭ ކާމިޔާބުކުރިއިރު އޭނާ ވަނީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މި ސީޒަނުގައި ޗެލްސީއަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާއިރު އަމިއްލަ ގައުމުގެ ޓީމެއް ކަމަށްވާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އޭނާ ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އިނގިރޭސިވިލާތުގެ ނޫހަކާއި ވާހަކަ ދައްކަމުން ކަންޓޭ ބުނީ އޭނާއަކީ ޗެލްސީގެ ކުޅުންތެރިޔެއް ކަމަށާއި ޗެލްސީއަކީ އޭނާގެ އަމިއްލަ ކްލަބެއްގެ ގޮތުގައި ދެކޭ ކަމަށެވެ. މިއީ ޗެލްސީގައި އޭނާ ހޭދަކުރާ ދެވަނަ ސީޒަން ކަމަށާއި ފުރަތަމަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ކަންޓޭ ބުނެފައިވެއެވެ. އޭނާ ބުނީ ދެވަނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ހަމައެހެންމެ މި ސީޒަނުގައި ވެސް ގަދަ ހަތަރެއްގައި ހިމެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޗެލްސީއަށް ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު އެ ޓީމު ވަނީ ބާސެލޯނާ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ވެސް ކަޓާފައެވެ. އެހެން ނަމެވެސް މި ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ކަންޓޭ ބުނީ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތްކުރާނެ ކަމަށެވެ. ހަމައެހެންމެ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ފައިނަލްއިން ބަލިވީ ކަމަށާއި މި ސީޒަނުގެ މުބާރާތުގެ ފައިނަލްއިން ޖާގަ ހޯދައި އެ މުބާރާތް ކާމިޔާބުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ކަންޓޭ ބުނެފައިވެއެވެ.

ޗެލްސީއާއެކު ކަންޓޭ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތްއިރު އެ ޓީމުން މި ސީޒަނުގައި ދަށް ނަތީޖާތަކެއް ހޯދި ނަމަވެސް ކަންޓޭ އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި އުމުރުން 26 އަހަރުގެ ކަންޓޭ 26 މެޗު ކުޅެފައިވާއިރު އޭނާއަށް އަނިޔާގެ ސަބަބުން ގެއްލިފައިވަނީ އެންމެ ހަތަރު މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް