ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 15:18
ރޮނާލްޑޯ ރެއާލްގެ ޖާޒީގައި
ރޮނާލްޑޯ ރެއާލްގެ ޖާޒީގައި
ގެޓީ އިމޭޖަސް
ކްރިސްޓިއާނޯ ރޮނާލްޑޯ
އަހަރެންނަކީ އެންމެ މޮޅު ކުޅުންތެރިޔާކަން އަބަދުވެސް ސާބިތުކޮށްދެން: ރޮނާލްޑޯ
މިދިޔަ އަހަރު ވެސް ޕޯޗުގަލްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޮނާލްޑޯ

މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ އޭނާ ކަމަށާއި އެކަން އަބަދުވެސް ސާބިތުކޮށްދޭ ކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވަނީ ލިއޮނެލް މެސީއާ އެއްވަރަށް ފަސް ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފީފާއިން ދޭ އެވޯޑު ހޯދާފައެވެ. ފަސްވަނަ ފަހަރަށް ރޮނާލްޑޯ އެ އެވޯޑު ހޯދީ މިދިޔަ ސީޒަނުގައި ރެއާލްއަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްދިނުމަށްފަހުއެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އޭނާ މި އެވޯޑު ހޯދީ ސްޕޯޓިން ލިސްބަންގެ ކީޕަރު ރުއި ޕެޓްރީޝިއޯ އަދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބަނާޑޯ ސިލްވާ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މި އެވޯޑު ހޯދުމަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ 2017 ވަނަ އަހަރަކީ ހަނދާނުން ފޮހެލަން ދަތި އަހަރެއް ކަމަށާއި ޓީމާއެކު ކާމިޔާބު ކުރެވުނު އެވޯޑުތަކާއި ކުޅުންތެރިޔެއްގެ ގޮތުގައި އޭނާއަށް ލިބުނު އެވޯޑުތައް ވެސް ގިނަ އަހަރެއް ކަމަށެވެ. ރޮނާލްޑޯ ބުނީ އޭނާ މި އެވޯޑު ހާއްސަކުރަން ބޭނުންވަނީ އޭނާއާއެކު ޕޯޗުގަލްގެ ގައުމީ ޓީމާއި ރެއާލްއަށް ކުޅޭ ކުޅުންތެރިންނަށް ކަމަށާއި އެ ކުޅުންތެރިންގެ އިތުރުން އޭނާގެ ހަތަރު ދަރިންނަށް ވެސް މި އެވޯޑު ހާއްސަކުރާ ކަމަށެވެ. އޭނާ ވަނީ ތިން މަހުގެ ތެރޭގައި އޭނާއަށް ތިން ދަރިން ލިބުނު ކަމަށާއި އެއީ ރިކޯޑެއް ކަމަށް ބުނެ ސަމާސާ ރާގަކަށް ވެސް ވާހަކަ ދައްކާފައެވެ.

ރޮނާލްޑޯ ބުނީ އަބަދުވެސް އަމިއްލަ ދިދަ ދިފާއުކުރަން ޖެހޭ ކަމަށާއި ޕޯޗުގަލްއަށް އުފަންވުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. ހަމައެހެންމެ އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށާއި އަބަދުވެސް ދަނޑުމަތީގައި އެކަން ސާބިތުކޮށްދޭ ކަމަށެވެ. ހަމައެހެންމެ އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ބަޔަކު ނުދެކުނު ކަމުގައި ވިޔަސް ކޮންމެ އަހަރަކު ވެސް ޓީމަށް ކާމިޔާބު ލިބެނީ އޭނާގެ ވަރަށް ބޮޑު ހިއްސާއަކާއެކު ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައި ވެސް ރޮނާލްޑޯގެ ދައުރު ވަރަށް ބޮޑެވެ. ހަމައެހެންމެ މިދިޔަ ސީޒަނުގައި ކުޅުނު 46 މެޗުގައި އޭނާ 42 ލަނޑު ޖެހިއެވެ. މި ސީޒަނުގެ މިހާތަނަށް ކުޅުނު 35 މެޗުގައި އޭނާ ވަނީ 37 ލަނޑު ޖަހާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް