ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 15:19
ޖޯޖީނިއޯ ނަޕޯލީގެ ޖާޒީގައި
ޖޯޖީނިއޯ ނަޕޯލީގެ ޖާޒީގައި
ގެޓީ އިމޭޖަސް
މެންޗެސްޓާ ޔުނައިޓެޑް
ޖޯޖީނިއޯ ހޯދުމަށް ޔުނައިޓެޑްއިން މަސައްކަތްކުރަނީ!
ކެރިކްގެ ބަދަލުގައި ޔުނައިޓެޑްއިން ބޭނުންވަނީ ޖޯޖީނިއޯ

ނަޕޯލީއަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ހޯދުމަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބްރެޒިލްއަށް އުފަން ޖޯޖިނިއޯ ގައުމީ ފެންވަރުގައި ކުޅެމުން އަންނަނީ އިޓަލީއަށެވެ. ޔުނައިޓެޑްގެ މިޑްފީލްޑަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލަކީ ޖޯޖީނިއޯ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ދެކޭ ކަމަށް މީޑިއާތަކުން ބުނެއެވެ. ހަމައެހެންމެ މައިކަލް ކެރިކް މި ސީޒަން ނިންމާލުމަށްފަހު ރިޓަޔާކުރަން ހަމަޖެހިފައިވުމާއެކު އޭނާގެ ބަދަލުގައި ޖޯޖީނިއޯ އެ ޓީމަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޖޯޖީނިއޯގެ އޭޖެންޓް ޖޯ ސަންޓޯސް ބުނެފައިވަނީ ޖޯޖީނިއޯއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމީ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ އިޓަލީ އަދި އިޓަލީގެ ލީގަށް ވާދަކުރަމުން އަންނަ ނަޕޯލީގެ ކުޅުންތެރިޔަކަށްވުމާއެކު އޭނާ ހޯދުމަށް ގިނަ ކްލަބްތަކަކުން މަސައްކަތްކުރާނެ ކަމަށް އެނގޭ ކަމަށެވެ. އޭނާ ބުނީ ނަޕޯލީގެ ސްޕޯޓިން ޑައިރެކްޓަރ ގެ މަގާމުގައި ހުރި ކްރިސްޓިއާނޯ ގަންޓޫލީއާ ތިން ފަހަރެއްގެ މަތިން މަޝްވާރަކޮށްފައިވާ ކަމަށާއި ޔުނައިޓެޑާއެކު އެއްވެސް މަޝްވަރާތަކެއް މިހާތަނަށް ކުރިޔަށް ގެންގޮސްފައިނުވާ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ހަމައެހެންމެ ޖޯޖީނިއޯގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި ކޮންޓްރެކްޓް އާ ކުރަން ޖެހެނީ ދެ އަހަރުގެ ތެރޭގައި އޭގެ މުއްދަތު ހަމަވާނެތީ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ފެށިގެންދާނެ ކަމަށާއި ނަޕޯލީއިން އެކަމަށް ހުށަހެޅުމާއެކު އެކަން ކުރާނެ ކަމަށް ސަންޓޯސް ބުނެފައިވެއެވެ. އޭނާ ބުނީ މިވަގުތު އެކަމަށް ނުވިސްނާ ކަމަށާއި ދެއަހަރު އެކަމަށް އެބައޮތް ކަމަށެވެ. ސަންޓޯސް ބުނީ އާ ކުޅުންތެރިޔަކު ނަޕޯލީއަށް ގެންނަން ނިންމައިފިނަމަ ޖޯޖީނިއޯ އެހެން ޓީމަކުން ފެނުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.

ނަޕޯލީގައި ދެއްކި މޮޅު ކުޅުމާއެކު ޖޯޖީނިއޯއަށް ވަނީ އިޓަލީގެ ގައުމީ ޓީމުން ވެސް ފުރުސަތުދީފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެން ފެށިއިރު މިހާތަނަށް އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެފައިވަނީ އެންމެ ތިން މެޗެވެ. ނަޕޯލީއާއެކު އޭނާ މިހާރު ހަދާފައިވާ ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާއިރު އޭނާ ހޯދުމަށް ޔުނައިޓެޑްގެ އިތުރުން އެހެން ޓީމުތަކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. 2014 ވަނަ އަހަރު އެ ޓީމާއި ގުޅުމަށްފަހު ޖޯޖީނިއޯ ވަނީ މިހާތަނަށް 153 މެޗު ކުޅެދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް