ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 15:18
ވެރާޓީ ޕީއެސްޖީގެ ޖާޒީގައި
ވެރާޓީ ޕީއެސްޖީގެ ޖާޒީގައި
ގެޓީ އިމޭޖަސް
މާކޯ ވެރާޓީ
ބާސާއިން ނުފެންނާނެ، މަޑުކުރާނީ ޕީއެސްޖީގައި: ވެރާޓީ
ވެރާޓީ ހޯދުމަށް ބާސާއިން މީގެކުރިން ވެސް މަސައްކަތްކުރި

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ނުފެންނާނެ ކަމަށާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި މަޑުކުރާނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އިޓަލީގެ ފޯވާޑް މާކޯ ވެރާޓީ ބުނެފިއެވެ.

އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ބާސާއިން މަސައްކަތްކުރަމުން އަންނަ ކަމުގެ އަޑުތަކެއް އަނެއްކާ ވެސް ވަނީ ފެތުރިފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އެ ޓީމު ދޫކޮށްލަން ނިންމުމާއި ގުޅިގެން އޭނާގެ ބަދަލުގައި އެ ޓީމަށް ވެރާޓީ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް ބާސާއިން ވަނީ ވެރާޓީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ފްރާންސްގެ ނޫހަކާއި ވާހަކަ ދައްކަމުން ވެރާޓީ ބުނީ އޭނާގެ އޭޖެންޓް އޭނާ ބާސާއަށް ވިއްކާލުމަށް މަސައްކަތް ކުރަމުންދާ ކަމަގެ ރިޕޯޓުތަކެއް ފެތުރިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓުތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ކަމަށާއި ޓީމު ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށް ވެރާޓީ ބުނެފައިވެއެވެ. ހަމައެހެންމެ ކޯޗަށް ވެސް ވަރަށް ރަނގަޅަށް ކަންކަން ކިޔައިދީފައިވާނެ ކަމަށާއި އޭނާ ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ކޯޗަށް ވެސް އޮންނާނެ ކަމަށް ވެރާޓީ ބުނެފައިވެއެވެ.

ވެރާޓީ ޕީއެސްޖީއާ ގުޅުނީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އުއްމީދުގައި ކަމަށްވާއިރު އޭނާގެ ޓީމު ވަނީ ރެއާލް މެޑްރިޑް އަތުން ބަލިވެ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ކަޓާފައެވެ. އެކަމާއި ގުޅިގެން ވާހަކަ ދައްކަމުން ވެރާޓީ ބުނީ ރެއާލްއަކީ މޮޅު ޓީމެއް ކަމަށް އެންމެނަށް ވެސް އެނގުނު ކަމަށާއި އެހެން ނަމަވެސް ރެއާލް ބަލިކުރެވޭނެ ކަމުގެ އުއްމީދު ހުރިހާ ކުޅުންތެރިންގެ މެދުގައި ވެސް އޮތް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ލެގުގައި ރަނގަޅަށް ކުޅެވުނު ކަމަށާއި އެހެން ނަމަވެސް ދެވަނަ ލެގުގައި އުއްމީދުކުރި ނަތީޖާ ނެރެވިފައިނުވާ ކަމަށެވެ. އޭނާ ބުނީ ދެވަނަ ލެގުގައި ނޭމާ ނެތްތަން ވަރަށް ބޮޑަށް ދެއްކި ކަމަށާއި ނޭމާ ނެތުމަކީ ބާސާގައި މެސީ ނެތުން ފަދަ ކަމެއް ކަމަށެވެ. ކުރިޔަށް ހުރި ސީޒަންތަކުގައި ރެއާލްއާ އެއް ފެންވަރަކަށް ދެވޭނެ ކަމަށް ވެސް ވެރާޓީ ބުނެފައިވެއެވެ.

ޕީއެސްޖީއާ 2012 ވަނަ އަހަރު ގުޅުނު ވެރާޓީ ވަނީ އެ ކްލަބުގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައެވެ. ޕީއެސްޖީއިން އަންނަނީ އޭނާއަށް އާ އެއްބަސްވުމެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. ވެރާޓީގެ މޮޅު ކުޅުމާއެކު ޕީއެސްޖީއިން ފްރެންޗް ލީގުގެ ތަށި ޔަގީންކޮށްފައިވާއިރު އެ ޓީމުން ވަނީ ފްރެންޗް ކަޕްގެ ފައިނަލްއިން ވެސް ޖާގަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް