ކ. މާލެ
|
19 މާރޗް 2018 | ހޯމަ 15:09
ނޭމާ ޕީއެސްޖީގެ ޖާޒީގައި
ނޭމާ ޕީއެސްޖީގެ ޖާޒީގައި
ގެޓީ އިމޭޖަސް
ނޭމާ - ޕީއެސްޖީ
ނޭމާގެ ކުރިމަގު އޮތީ ޕީއެސްޖީގައި: ތިއާގޯ ސިލްވާ
ނޭމާ ހޯދުމަށް ސްޕެއިންގެ ރެއާލްއިން ދަނީ މަސައްކަތްކުރަމުން

ބްރެޒިލްގެ ފޯވާޑް ނޭމާގެ ކުރިމަގު އޮތީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ގައި ކަމަށް އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނެފިއެވެ.

ސްޕެއިންގެ ބާސެލޯނާއިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 222 މިލިއަން ޔޫރޯގެ ރެކޯޑު ފީއަކަށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު ނޭމާ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް ސީޒަން ނިމިފައިވާއިރު އޭނާ ހުރީ ލިބުނު އަނިޔާއަށް ފަރުވާ ހޯދުމުގެ ގޮތުން އުފަން ގައުމު ކަމަށްވާ ބްރެޒިލްގައެވެ. ނޭމާގެ ސޮއި ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން މަސައްކަތްކުރަމުން އަންނައިރު ޕީއެސްޖީއިން އަންނަނީ އޭނާ އެ ޓީމުގައި މަޑުކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފްރާންސްގެ ޓީވީ ޗެނަލަކާއި ވާހަކަ ދައްކަމުން ބްރެޒިލްގެ ގައުމީ ޓީމުގައި ނޭމާއާއެކު ކުޅެމުންވެސް އަންނަ ތިއާގޯ ސިލްވާ ބުނީ ނޭމާ ޕީއެސްޖީގައި މަޑުކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ. މި ސީޒަން ނިމުމަށްފަހުވެސް ޕީއެސްޖީގެ ކުޅުންތެރިޔެއްގެ ގޮތުގައި ނޭމާ ދެމިހުންނާނެކަން ހާމަކުރަމުން ސިލްވާ ބުނީ އުއްމީދަކީ އަންނަ ސީޒަނުގައި ޕީއެސްޖީއަށް ކާމިޔާބު ހޯދައިދޭން ނޭމާ މަސައްކަތްކުރުން ކަމަށެވެ.

ނޭމާއަށް އަނިޔާވީ މިދިޔަ މަހުގެ ތެރޭގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ އަނިޔާގެ ސަބަބުން އޭނާ ތިން މަސް ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ތިއާގޯ ސިލްވާ ބުނީ ސީޒަނުގެ އެންމެ ފަހު މެޗުގައި ފްރެންޗް ކަޕް ފައިނަލުގައި ކުޅުމަށް ނޭމާ ފިޓުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕަށް ނޭމާ ޔަގީނުންވެސް ފިޓުވާނެ ކަމަށާއި އެއްވެސް ރިސްކެއް އެކަމަށް ނަގަން ބޭނުންނުވާ ކަމަށެވެ.

ނޭމާއަށް އަނިޔާވެ، ކުޅުމާއި ދުރުގައި ހުރި ދުވަސްވަރު ޕީއެސްޖީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުން ކަޓާފައެވެ. ރެއާލް އަތުން ބަލިވެ އެ ޓީމު ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް އަދިވެސް ދެ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ވަނީ، ނޭމާ އާ ރެއާލް މެޑްރިޑާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ނޫސްވެރިންގެ ބައްދަލުވުމުގައި ރައްދު ދީފައެވެ. ނޭމާގެ ކުރިމަގާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން އެމެރީ ވަނީ، އެ ވާހަކަތަކާއި ގުޅޭ ތަފްސީލް ހޯދުމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގާތުން ސުވާލު ކުރުމަށް ނޫސްވެރިންގެ ކިބައިން އެދިފައެވެ.

ޕީއެސްޖީ މިވަގުތު އޮތީ ފްރެންޗް ލީގުގެ އެއްވަނައިގައެވެ. ނޭމާ ނެތިވެ އެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް