ކ. މާލެ
|
19 މާރޗް 2018 | ހޯމަ 15:35
މިއީ މިއަހަރު ޑެލްޕޮޓްރޯ ކާމިޔާބުކުރި ދެވަނަ މުބާރާތް
މިއީ މިއަހަރު ޑެލްޕޮޓްރޯ ކާމިޔާބުކުރި ދެވަނަ މުބާރާތް
ގެޓީ އިމޭޖަސް
އޭޓީޕީ ވޯލްޑް ޓުއަރ ފައިނަލްސް
ފެޑެރާ ބަލިކޮށް ޑެލްޕޮޓްރޯ ޗެމްޕިއަންކަން ހޯދައިފި
ޑެލްޕޮޓްރޯ މޮޅުވީ ރޯޖާ ފެޑެރާ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެން

އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިޔަށްދާ އޭޓީޕީ މާސްޓާސް އިންޑިއަން ވެލްސް ޓެނިސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހުއާން މާޓިން ޑެލްޕޮޓްރޯ ހޯދައިފިއެވެ.

އާޖެންޓީނާއަށް އުފަން ޑެލްޕޮޓްރޯ މި މުބާރަތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ރޯޖާ ފެޑެރާ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ޑެލްޕޮޓްރޯ ގެންދިޔަ ނަމަވެސް ދެވަނަ ސެޓު 7-5 އިން ގެންގޮސް ފެޑެރާ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު 7-6 އިން ކާމިޔާބުކޮށް ޑެލްޕޮޓްރޯ ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ. މި މެޗު ވަނީ ދެ ގަޑިއިރާއި 42 މިނެޓަށް ދިގުދެމިގެން ގޮސްފައެވެ. 

މެޗު ކާމިޔާބުކުރުމަށްފަހު ވާހަކަ ދައްކަމުން ޑެލްޕޮޓްރޯ ބުނީ މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި އެގޮތުން ފެޑެރާ ބަލިކުރެވުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ބުނީ އެތަކެއް ސާޖަރީތަކަކަށްފަހު އަނެއްކާވެސް މުބާރާތްތައް ކާމިޔާބުކުރެވޭ ފެންވަރަށް ފިޓްނަސް ގެނެވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

ފެޑެރާ މީގެކުރިން ފަސް ފަހަރަކު މި މުބާރާތް ކާމިޔާބުކުރިއިރު މިއީ އޭޓީޕީ މާސްޓާސް މުބާރާތެއް ޑެލްޕޮޓްރޯ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ހަމައެހެންމެ ޑެލްޕޮޓްރޯ ވެގެން ގޮސްފައިވަނީ މިއަހަރުގެ ތެރޭގައި ފެޑެރާ ބަލިކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި މެޗުގެ ކުރިން ފެޑެރާ ވަނީ ބަލިނުވެ 17 މެޗު ހަމަކޮށްފައެވެ. މި ދެ ކުޅުންތެރިން މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގައި ކުޅުނު މެޗު ވެސް ޑެލްޕޮޓްރޯ ކާމިޔާބުކުރިއިރު ބަސެލް އޯޕަންގައި މިދިޔަ މަހު މި ދެ ކުޅުންތެރިން ބައްދަލުކުރި މެޗު ކާމިޔާބުކުރީ ފެޑެރާއެވެ.

މި މުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދީ ޖަޕާންގެ ނައޯމީ އޮސާކާއެވެ. އޭނާ ވަނީ ފައިނަލުގައި 20 ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑާރިއާ ކަސަޓްކީނާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އޮސާކާ ގެންދިޔައީ 6-3 އަދި 6-2 އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް