ކ. މާލެ
|
19 މާރޗް 2018 | ހޯމަ 15:39
ބަޔާން އަދި ލީޕްޒީގް ބައްދަލުކުރި މެޗުގެ ތެރެއިން
ބަޔާން އަދި ލީޕްޒީގް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ބުންޑެސްލީގާ
ބުންޑެސްލީގާ: ބަޔާން ބަލިވިއިރު ޑޯޓްމަންޑް މޮޅުވެއްޖެ
ރަށުން ބޭރުގައި އާރްބީ ލީޕްޒީގްއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން ބަލިވީ 2-1 ގެ ނަތީޖާއަކުން
ހެނޯވާ އަތުން ޑޯޓްމަންޑް މޮޅުވީ 1-0 ގެ ނަތީޖާއަކުން

ބުންޑެސްލީގާގައި ކުޅުނު މެޗުން ވަރުގަދަ ބަޔާން މިއުނިކް ބަލިވިއިރު ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އާރްބީ ލީޕްޒީގްއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ބަޔާންގެ ފުރަތަމަ އެގާރައިން ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާއިރު ލީޕްޒީގްގެ ޓީމުން ވެސް ހަ ބަދަލެއް މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ. މި މެޗާއި ބަޔާން ކުރިމަތިލިއިރު މި މެޗުގެ ކުރިން އެ ޓީމު ކުޅުނު 20 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ބަޔާންއަށް ޖަހައިދިނީ ސެންޑްރޯ ވެގްނަރއެވެ. މި ލަނޑަށް ފަހު ލީޕްޒީގްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. އެހެން ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި ނަބީ ކެއިޓާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ލީޕްޒީގްއިން ވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ކެއިޓާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ޓީމޯ ވޯނާރއެވެ. ބަޔާންގެ ކުޅުން މި ލަނޑަށްފަހު އިތުރަށް ވަރުގަދަ ކުރިއިރު އެ ޓީމުގެ ފޯވާޑުންނަށް ނަތީޖާ ބަދަލުކޮށްލެވިފައެއް ނުވެއެވެ.

ބޮރޫޝިއާ ޑޯޓްމަންޑްވެސް ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ހެނޯވާ ބަލިކޮށް ތާވަލުގެ ތިންވަނަ މަގާމަށް ޖެހިލާފައެވެ. ޑޯޓްމަންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އަންދްރޭ ޝާލާގެ އެހީތެރިކަމާއެކު މެޗުގެ 24 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ޖަހައިދިނީ އެ ޓީމާއި އަލަށް ގުޅުނު ފޯވާޑް މިޗީ ބަޓްޝުއާއީއެވެ.

ބުންޑެސްލީގާގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއެކު ބަޔާން މިއުނިކް އެއްވަނައިގައި އޮތްއިރު ދެވަނައިގައި 49 ޕޮއިންޓާއެކު އޮތީ ޝާލްކޭއެވެ. ތިންވަނައިގައި 48 ޕޮއިންޓާއެކު ޑޯޓްމަންޑް އޮތްއިރު ހަތަރުވަނައިގައި 45 ޕޮއިންޓާއެކު އޮތީ އެއިންޓްރަކްޓް ފްރޭންކްފާޓްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް