ކ. މާލެ
|
19 މާރޗް 2018 | ހޯމަ 12:25
ބާސާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ބާސާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ބާސާގެ ލީޑް 11 ޕޮއިންޓަށް ފުޅާކޮށްފި
ބިލްބާއޯ އަތުން ބާސާ މޮޅުވީ 2-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގެ އެންމެ ކުރީގައި ބާސެލޯނާއަށް ލިބިފައިވާ ލީޑް އެ ޓީމުން 11 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ބާސާގެ ލީޑް އެ ޓީމުން އިތުރަށް ފުޅާކުރީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެތުލެޓިކް ބިލްބާއޯ ބަލިކޮށްގެންނެވެ. ބިލްބާއޯ އިން މި މެޗާ ކުރިމަތިލިއިރު މި އަހަރުގެ މިހާތަނަށް ރަށުން ބޭރުގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް މި މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. އޭނާއަށް މި މެޗުގައި ކުޅެވިފައި ނުވަނީ ފަސް ރީނދޫ ކާޑު ހަމަވެ ސަސްޕެންޑުވުމާ ގުޅިގެންނެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާ އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ އަށް ވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސުއަރޭޒްގެ ބަދަލުގައި މި މެޗުގައި ކުޅުނު ފޯވާޑް ޕަކޯ އަލްކޭސާއެވެ. މި ލަނޑަށް ފަހު ވެސް ބާސާ އިން ވަނީ ފުލުފުލުގައި ހަމަލާ އުފައްދާފައެވެ. އެގޮތުން ފިލިޕޭ ކުޓީނިއޯ ފޮނުވާލި ހަމަލާއެއް ބިލްބާއޯގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ. ބާސާގެ ދެވަނަ ލަނޑު ޑެމްބެލޭގެ އެހީތެރިކަމާ އެކު މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ މެސީއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް މި ހާފުގައި ބިލްބާއޯގެ ކުޅުންތެރިން ވެސް ވަނީ ބާސާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަދުރިޒްއަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުން މޮޅުވުމާ އެކު ބާސާއިން ވަނީ މިހާތަނަށް ބަލިނުވެ 36 މެޗު ހަމަކޮށްފައެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައިނުވާއިރު ޔޫރަޕުގެ ގަދަ ފަސް ލީގުގައި އެ ޓީމުގެ ރެކޯޑާ ގާތްކުރާ ޓީމެއް ވެސް ނެތެވެ.

ކުޅުނު 29 މެޗުން ލިބުނު 75 ޕޮއިންޓާ އެކު ބާސާ އޮތްއިރު ބިލްބާއޯ އޮތީ 35 ޕޮއިންޓާ އެކު 13 ވަނައިގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް