ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިންގެ އުފުލާފައިވާ ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް މާދަމާއަށް ތާވަލުކޮށްފި އެވެ.
ހަސަން ސައީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށްކުރާ ތުހްމަތު މައްސަލައެއްގަ އެވެ. އަދި އޭނާ މައްޗަށް ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ ކުރީ އޭނާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތްކުރިއިރު ފުލުހުންނަށް ފިލައިގެން އުޅުނު ކަމަށްބުނެ އެވެ. ސިޔާސީ ބައެއް ލީޑަރުން ހިމެނޭ ގޮތައް ގިނަ ބޭފުޅުންތަކެއް ދޫކޮށްލަން މި ދިޔަ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ފުލުހުން ވަނީ ހަސަން ސައީދު ހޯދަން ވެސް އިއުލާން ކޮށްފަ އެވެ. އަދި ފުލުހުން އޭނާ ހޯދަން ކުރި މަސައްކަތް ސުޕްރީމް ކޯޓުން ވަނީ ހުއްޓުވާފަ އެވެ.
ހަސަން ސައީދުގެ މައްޗަށް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުނަށް ރިޝްވަތު ދިނުމުގެ ތުހްމަތުކޮށް ކިތާބީ ހެކި ހުރިކަމަށްވެސް ފުލުހުން ބުނެފަ އެވެ.