ކައުންސިލް ތަކަކުން ނެރުނު ޤަރާރަކާއި ގުޅިގެން އެކައުންސިލަތަކުގެ މެންބަރުންތަކެއް ސަސްޕެންޑްކޮށް އެކައުންސިލްތައް ރޫޅާލާނެ ކަމުގެ އިންޒާރު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އިންޒާރު ދީފިއެވެ.
އެލްޖީއޭއިން މެންބަރުންތަކެއް ސަސްޕެންޑް ކުރުމުގެ އިތުރުން އެކައުންސިލްތައް ރޫޅާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ ކައުންސިލް ތަކަކީ އައްޑޫ ސިޓީ ކައުންސިލާއި ބ ތުޅާދޫ ކައުންސިލްގެ އިތުރުން ބ ކަމަދޫ ކައުންސިލެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގާއި ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްގެ އިތުރުން ކައުންސިލަރ ޖަމްޝީދާ މުހައްމަދާއި ކައުންސިލަރ އަލީ ފަހުމީ ދީދީ މުސާރަ ނުލިބޭ ގޮތަށް އެއްމަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމުގައެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ޒިންމާދާރުވެރިޔާއަށް އެލްޖީއޭއިން ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ބޭރުން ކައުންސިލަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން އައްޑޫ ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރުމުގެ ސަބަބުން ކަމަށެވެ.
އައްޑޫ ސިޓީގެ އިތުރުން ސަސްޕެންޑް ކުރި ބ އަތޮޅު ތުޅާދޫ އާއި ކަމަދޫ ކައުންސިލްގެ މެންބަރުންތަކެއް ސަސްޕެންޑް ކޮށްފައިވަނީ އެދެކައުންސިލުން ނެރުނު ޤަރާރެއްގެ ސަބަބުންނެވެ. އެލްޖީއޭއިން ބުނީ ލާމަރުކަޒީ ގާނޫނުގެ ބޭރުން ކައުންސިލަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން ނެރެފައިވާ ޤަރާރެއް ކަމަށެވެ.
ސަސްޕެންޑް ކޮށްފައިވަނީ އެޤަރާރު ނެރުމުގެ ބައްދަލުވުމުގައި ބައިވެރިވެ އެޤަރާރުގައި ސޮއި ކޮށްފައިވާ ކައުންސިލް ވެރިންނާއި މެންބަރުންނެވެ.
ބ ކަމަދޫ ކައުންސިލުން ސަސްޕެންޑް ކޮށްފައިވަނީ އެކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު އާއި، ނައިބު ރައީސް އަހުމަދު ސާޖިދެވެ.
ބ ތުޅާދޫ ކައުންސިލުން ސަސްޕެންޑް ކޮށްފައިވަނީ އެކައުންސިލްގެ ރައީސް އަހުމަދު ރަޝީދާއި ނައިބު ރައީސް ޒާއިދު ރަޝީދެވެ.
މިކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް އެއްމަސްދުވަހުގެ ނިޔަލަށެވެ.
އަދި ސަސްޕެންޝަނުގެ މުއްދަތުގެ ތެރޭގައި ފަރުދީ ބޭނުމަކަށް ކައުންސިލް އިދާރާއިން ޚިދުމަތެއް ހޯދުމަށް ނޫނީ ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭނެ ކަމަށް ވެސް އެލްޖީއޭއިން ވަނީ އަންގާފައެވެ.
މީގެ އިތުރުން އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ކައުންސިލްތައް ރޫޅާލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އެކައުންސިލްތަކަށް އެލްޖީއޭއިން ވަނީ ދީފައެވެ.