އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ސާޖިއޯ ބުސްކެޓްސްގެ މަގާމު ޓީމުގައި އަދާކުރާނީ އިވާން ރަކިޓިޗް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.
މިދިޔަ ހަފްތާގައި ޗެލްސީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބުސްކެޓްސްއަށް އަނިޔާވެ ދަނޑުން ބޭލިއެވެ. އެ އަނިޔާގެ ސަބަބުން އޭނާ ތިން ހަފްތާ ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު އޭނާ ނުލައި ބާސާއިން ކުޅުނު ގިނަ މެޗުތަކުން އެ ޓީމަށް މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. އެގޮތުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބުސްކެޓްސް ބޭލުމާއެކު ބާސާގެ ޑިފެންސަށް ބާރުބޮޑުވެގެންދިޔަ މަންޒަރު ފެނިގެންދިޔައެވެ.
މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ މިއީ ބުސްކެޓްސްއާ ނުލައި ގިނަ މެޗުތަކެއް އެ ޓީމު ކުޅެންޖެހޭ ފުރަތަމަ ފަހަރު ކަމަށާއި މީގެ ކުރިން ފަސް ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން އޭނާއަށް ގެއްލުނީ އެންމެ މެޗެއް ކަމަށެވެ. ވަލްވާޑޭ ބުނީ ބުސްކެޓްސްއަކީ އެ މަގާމަށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ނެތްތަން ފޫބެއްދުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށެވެ. ރަކިޓިޗްއަކީ އެ މަގާމަށް ކުޅޭ ކުޅުންތެރިޔެއްކަން ފާހަގަކުރަމުން ވަލްވާޑޭ ބުނީ ބުސްކެޓްސް ނެތްތަން ރަކިޓިޗްއަށް ފޫބެއްދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ވަލްވާޑޭ ބުނީ ރަކިޓިޗްއަކީ ވަރަށް އިތުބާރު ކުރެވޭ ކުޅުންތެރިޔެއް ކަމަށާއި އޭނާއަށް މި ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށެވެ. ސެވިއްޔާގައި ރަކިޓިޗް ހޭދަކުރި ދުވަސްވަރު ވެސް ބުސްކެޓްސްގެ ރޯލަށް އޭނާ ކުޅެފައިވާ ކަމަށާއި ހަމައެހެންމެ ސާޖީ ރޮބާޓޯ ވެސް އެ މަގާމަށް ކުޅެފާނެ ކަމުގެ އިޝާރާތެއް ވަލްވާޑޭ ވަނީ ދީފައެވެ. ވަލްވާޑޭ ބުނީ ރަކިޓިޗްއަކީ ބާސާއަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި ބޭނުންވަނީ ކުޅުންތެރިންނަށް އަނިޔާނުވެ ބައިނަލްއަގްވާމީ މެޗުތައް ވެސް ނިމިގެންދިޔުން ކަމަށެވެ.
މި ސީޒަނުގެ މިހާތަނަށް އައިއިރު ބާސާއަށް އަނިޔާގެ މާ ބޮޑު މައްސަލަތަކެއް ދިމާވެފައެއް ނުވެއެވެ. އެ ޓީމުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު އެ ޓީމު އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައެވެ.