ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 19:11
ބްރެޒިލްގެ ފޯވާޑް ނޭމާ (ކ) އަދި ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން
ބްރެޒިލްގެ ފޯވާޑް ނޭމާ (ކ) އަދި ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން
ގޯލް.ކޮމް
ނޭމާ - ރެއާލް
ނޭމާ އާމެދު ނުވިސްނަން، ފޯކަސް ހުރީ ރެއާލްގެ ކުޅުންތެރިންނަށް: ޒިދާން
ނޭމާ ހޯދުމަށް ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ

ބްރެޒިލްގެ ފޯވާޑް ނޭމާ އާމެދު ނުވިސްނާ ކަމަށާއި، ފޯކަސް ހުރީ ރެއާލްގެ ކުޅުންތެރިންނަށް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ސްޕެއިންގެ ބާސެލޯނާ އިން ފްރާންސްގެ ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އަށް 222 މިލިއަން ޔޫރޯގެ ރެކޯޑް އަގަކަށް މިދިޔަ އޯގަސްޓް މަހު ބަދަލުވި ނޭމާ އަށް ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ކަސެމީރޯ އަދި ޑެނީ ކަރްވަޚާލް މިހަފްތާގައި ވަނީ، ރެއާލް މެޑްރިޑްގައި ނޭމާ އަށް ކާމިޔާބު ލިބޭނެ ކަމަށް ބުނެފައެވެ.

ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ވަނީ، ނޭމާ އާ ރެއާލް މެޑްރިޑާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ނޫސްވެރިންގެ ބައްދަލުވުމުގައި ރައްދު ދީފައެވެ. ނޭމާގެ ކުރިމަގާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން އެމެރީ ވަނީ، އެ ވާހަކަތަކާއި ގުޅޭ ތަފްސީލް ހޯދުމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގާތުން ސުވާލު ކުރުމަށް ނޫސްވެރިންގެ ކިބައިން އެދިފައެވެ.

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ޖިރޯނާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ، ރެއާލްގެ ބައެއް ކުޅުންތެރިން ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް ތައުރީފް ކޮށް ވާހަކަ ދެއްކުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ޒިދާން ބުނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ޚިޔާލު ފާލު ކުރެވޭނެ ކަމަށާއި، އަދި ނޭމާ އާ ގުޅޭ ގޮތުން އޭނާ (ޒިދާން) އާ ސުވާލު ކުރިނަމަވެސް ބުނެވޭނީ ނޭމާ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި، އެހެންނަމަވެސް އެއީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި ހަމައެކަނި ފޯކަސް ކުރަން ޖެހޭނީ ރެއާލްގެ ކުޅުންތެރިންނަށް ކަމަށް ޒިދާން ބުންޏެވެ.

ދުނިޔޭގެ ރެކޯޑް ފީ އަކަށް ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ނޭމާ، މިސީޒަނުގައި އެކްލަބުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، އަނިޔާ އާ ގުޅިގެން ނޭމާ އަށް ވަނީ ސީޒަން ނިމިފައެވެ. ނޭމާގެ ފަޔަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް މިވަގުތު ހުރީ އުފަން ގައުމު ބްރެޒިލްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް