އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިޔަށްދާ އިންޑިއާން ވެލްސް ޓެނިސް މުބާރާތުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރޯޖާ ފެޑެރާ ޖާގަ ހޯދައިފިއެވެ.
އޭޓީޕީ މާސްޓާސް މުބާރާތެއްގެ ގޮތުގައި ރޭންކް ކުރެވިފައިވާ މި މުބާރާތުގެ ފައިނަލަށް ފެޑެރާ ދަތުރުކުރީ ސެމީގައި ދުނިޔޭގެ 49 ވަނައިގައި ރޭންކް ކުރެވިފައިވާ ކްރޮއޭޝިއާގެ ބޯނަރ ކޮރިޗް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-5 އިން ކޮރިޗް ގެންދިޔައިރު އޭގެ ފަހުން ކުޅުނު ދެ ސެޓު ވެސް 6-4 އިން ގެންގޮސް ފެޑެރާ ވަނީ މުބާރާތް ކާމިޔާބު ކޮށްފައެވެ.
މިއީ މިއަހަރު ފެޑެރާ ޖެހިޖެހިގެން ކާމިޔާބު ކުރި 17 ވަނަ މެޗެވެ. މިއީ ފެޑެރާގެ ކެރިއަރުގައި ރެކޯޑަކަށްވާއިރު މީގެކުރިން ފެޑެރާ އެންމެ ގިނައިން ޖެހިޖެހިގެން ކާމިޔާބު ކުރީ 16 މެޗެވެ. އޭނާ ޖެހިޖެހިގެން 16 މެޗު ކާމިޔާބު ކުރީ 2006 ވަނަ އަހަރުއެވެ.
ފައިނަލުގައި ފެޑެރާ ނުކުންނާނީ އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯއާ ދެކޮޅަށެވެ. ޑެލްޕޮޓްރޯ ފައިނަލަށް ދަތުރުކުރީ ކެނެޑާގެ މިލޯސް ރައޯނިޗް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-2 އަދި 6-3 އިންނެވެ. ޑެލްޕޮޓްރޯ ވެސް ވަނީ ޖެހިޖެހިގެން 10 މެޗު ކާމިޔާބުކޮށްފައެވެ.
މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބު ކުރީ ފެޑެރާއެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިނަމަ ފެޑެރާއަށް މި މުބާރާތް ހަވަނަ ފަހަރަށް ކާމިޔާބު ކުރެވުނީއެވެ. ފެޑެރާއާ އެއް އަދަދަކަށް މި މުބާރާތް އެހެން އެއްވެސް ކުޅުންތެރިޔަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.