މިއަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީ.އޭ.އާރް) ޓެކްނޮލޮޖީ ބޭނުން ކުރަން ފީފާއިން ނިންމައިފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން މި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދިން ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި މި ޓެކްނޮލޮޖީ ބޭނުންކުރަން މަސައްކަތްކުރާއިރު، މިސީޒަންގައި އިނގިރޭސި ލީގާއި ޖަރުމަން އަދި އިޓަލީ ލީގުގައި ވެސް ވީ.އޭ.އާރް ޓެކްނޮލޮޖީ ބޭނުން ކޮށްފައިވެއެވެ.
ވީ.އޭ.އާރް ޓެކްނޮލޮޖީ ބޭނުންކުރުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ޒަމާނާއިއެކު ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ރެފްރީންގެ މުހިއްމު ނިންމުތައް ނިންމުމަށް އެހީތެރިވާން ބޭނުންކުރެވޭނެ ހުރިހާ ވަޞީލަތެއް ފޯރުކޮށްދޭން ބޭނުންވާ ކަމަށާއި، ވޯލްޑް ކަޕްގައި ނިންމަން ޖެހޭ ނިންމުންތަކުގެ މުހިއްމުކަން ބޮޑުކަމަށް އަންފަންޓީނޯ ވިދާޅުވިއެވެ.
އަދި ވޯލްޑް ކަޕް ބަލަން ގޭގެ ސިޓިންގ ރޫމްގައި ތިބޭ މީހުންނަށް ރެފްރީ ގޯހެއް ހަދާތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެފްރީ ގޯހެއް ހެދިކަން އެނގި، ރެފްރީއަށް އެކަން ނޭނގޭ ނޭނގުން 2018ގެ ވޯލްޑް ކަޕްގައި ތަކުރާރު ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިންފަންޓީނޯ ވިދާޅުވީ އެޓެކްނޮލޮޖީއާއިމެދު އެންމެ ފުރަތަމަ އޭނާ ވެސް ސުވާލު އުފެއްދި ކަމަށާއި، އެހެން ނަމަވެސް ޓެކްނޮލިޖީއެއްގެ ގޮތް ބާވަތް އެނގޭނީ އެ ބޭނުން ކުރުމުންކަމަށެވެ.
ރެފްރީންގެ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭ މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައެވެ. އަދި 2017 ވަނަ އަހަރު ފީފާ ކޮންފަޑަރޭޝަން ކަޕްގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ.
ފީފާއިން މި ނިންމުން ނިންމުމުގެ ކުރިން އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން ވެސް ވަނީ މިޓެކްނޮލޮޖީ ބޭނުންކުރުމަށް ނިންމާފައެވެ. އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުގައި ތިބެނީ ފީފާގެ މަންދޫބުންގެ އިތުރުން އިންގްލެންޑް، ސްކޮޓްލަންޑް، ވޭލްސް އަދި ނޮދަރން އަޔަލޭންޑްގެ ފުޓުބޯޅަ އިދާރާތަކުގެ މަންދޫބުންނެވެ.
ފީފާއިން ވީ.އޭ.އާރް ބޭނުން ކުރަން ނިންމި ނަމަވެސް އަންނަ ސީޒަންގައި ޕްރިމިއަރ ލީގުގައި މި ޓެކްނޮލިޖީ ބޭނުމެއް ނުކުރާނެއެވެ. އަދި ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގައިވެސް މި ޓެކްނޮލޮޖީ ބޭނުން ނުކުރާނެ ކަމަށް ޔޫރަޕްގެ ސަރަހައްދީ ފުޓުބޯޅަ އިދާރާ ޔުއޭފާއިން ވަނީ ބުނެފައެވެ.