ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 15:23
އެންޓޯނިއޯ ކޮންޓޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އެންޓޯނިއޯ ކޮންޓޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ގެޓީ އިމޭޖަސް
އެންޓޯނިއޯ ކޮންޓޭ
ޗެލްސީއަށް އެފްއޭ ކަޕް މުހިންމެއް ނޫން: ކޮންޓޭ
ޗެލްސީއާއެކު ކޮންޓޭ ހޭދަކުރަމުން އަންނަ ދެވަނަ ސީޒަނުގައި އޭނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި
ޗެލްސީ އެންމެފަހުން އެފްއޭ ކަޕް ކާމިޔާބުކުރީ 2012 ވަނަ އަހަރު

އެފްއޭ ކަޕްއަކީ ޗެލްސީއަށް މުހިންމު މުބާރާތެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޗެލްސީއާއެކު ކޮންޓޭ ހޭދަކުރަމުން އަންނަ ދެވަނަ ސީޒަނުގައި އޭނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ފުރަތަމަ ސީޒަނުގައި އެ ޓީމުން ޕްރިމިއާ ލީގު ކާމިޔާބުކުރި ނަމަވެސް މި ސީޒަނުގައި އެ ޓީމަށް ވަނީ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ވެސް ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ. ހަމައެހެންމެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަތުން އެ ޓީމު ބަލިވެ އެ މުބާރާތުން ކަޓާފައިވާއިރު މި ސީޒަނުގައި ޗެލްސީއަށް ކާމިޔާބުކުރެވޭނެ ހަމައެކަނި މުބާރާތަކީ އެފްއޭ ކަޕްއެވެ.

ކުއާޓާ ފައިނަލުގައި ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮންޓޭ ބުނީ އެފްއޭ ކަޕް ކާމިޔާބުކުރުން މަޖުބޫރު ކަމަށާއި އެހެން ނަމަވެސް އެއީ މުހިންމު މުބާރާތެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނީ ކޮންމެ ފަހަރަކުވެސް ކާމިޔާބު ސީޒަންތަކުގެ ވާހަކަ ނޫސްވެރިން ދައްކާ ކަމަށާއި އެގޮތުން މި ސީޒަނުގައި ވެސް ނޫސްވެރިން ދައްކަމުން އަންނަނީ މިދިޔަ ސީޒަނުގެ ވާހަކަ ކަމަށެވެ.

ޕްރިމިއާ ލީގުގެ ފަސްވަނައިގައި ޗެލްސީ އޮތްއިރު ކޮންޓޭގެ ވަޒީފާ އާއި މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. އެހެން ނަމަވެސް ކޮންޓޭ ބުނީ އޭނާ ކުޅުންތެރިންނާއި ސްޓާފުންގެ ފަރާތުން ފެންނަމުންދަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށާއި އޭނާގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ. ކޮންޓޭ ބުނީ ކޮންމެވެސް އެއް މުބާރާތެއް ކާމިޔާބުކުރެވުމަކީ ލިބޭ ކުރިއެރުމެއް ކަމަށާއި އަބަދުވެސް އެ ސީޒަނެއްގެ ކުޅުމުގެ ފެންވަރު ހުރީ ކިހާ މިންވަރެއްގައި ކަން ބަލަންޖެހޭ ކަމަށެވެ. އޭނާ ބުނީ މިދިޔަ ސީޒަނުގައި ކުޅުންތެރިންގެ ފަރާތުން 120 އިން ސައްތަ ފެނިގެންދިޔަ ކަމަށާއި ބައެއް ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވުމުގެ ސަބަބުން އެކަމުގެ އުނދަގޫތަކާއި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ކޮންޓޭ ބުނީ މި ސީޒަނުން އެނގިގެންދަނީ އެންމެ ކަމެއް ކަމަށާއި އެ ކަމަކީ މި ސީޒަނަކީ މިދިޔަ ސީޒަނަށްވުރެ ކާމިޔާބު ސީޒަނެއް ކަމަށް ކަމަށެވެ. ކޮންޓޭ ބުނީ މިހާރު މަސައްކަތްކުރަމުންދަނީ ރަނގަޅު ޓީމެއް ބިނާކުރުމަށް ކަމަށާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެނީ އެކަމާއި ގުޅިގެން ކަމަށެވެ. ޔޫރަޕުގެ ބޮޑު ޓީމުތަކާއި ދެކޮޅަށް ކުޅުމުގެ ކުރިން ތަޖުރިބާ ބޭނުންވާ ކަމަށާއި އެކަން އެގޮތަށް ވާނީ ކުޅުންތެރިން ބިނާކޮށްގެން ކަމަށް ކޮންޓޭ ބުނެފައިވެއެވެ.

ޗެލްސީއަށް މީ ސީޒަނުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ އާ ކުޅުންތެރިން ގަނެގެން ކަމަށް ކޮންޓޭ މީގެކުރިން ބުނުމާއެކު އެ ޓީމުގެ ބޯޑާއި އޭނާއާ ދެމެދު ވަނީ މައްސަލަ އުފެދިފައެވެ. އެކަމާއި ގުޅިގެން ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ކަންކަން ރަނގަޅު ކުރަން ބޭނުންވާނަމަ މޮޅު ކުޅުންތެރިން ގަންނަން ޖެހޭ ކަމަށާއި އޭނާއަށް ވެސް ހިއްސާކުރެވޭނީ ހިޔާލު ކަމަށެވެ. ކޮންޓޭ ބުނީ އިންވެސްޓް ކުރާނެ ފައިސާގެ އަދަދު ކަނޑައަޅާނީ ކްލަބްއިން ކަމަށާއި އެކަމަށް އޭނާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

ޗެލްސީއިން އެފްއޭ ކަޕް އެންމެފަހުން ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފައިނަލުގައި 2-1 އިން ލިވަޕޫލް ބަލިކޮށްފައެވެ.

- ކޮމެންޓް