އިނގިރޭސި ޕްރިމިއާ ލީގުގައި ވޮޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުގައި މުހައްމަދު ސަލާހު ކާމިޔާބުކުރި ހަތަރު ލަނޑާއެކު ލިވަޕޫލްއިން ބޮޑު މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ވޮޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗާއި ލިވަޕޫލްއިން ކުރިމަތިލިއިރު ފުރަތަމަ ޑިވިޝަނުގައި އެ ޓީމު ވޮޓްފޯޑް އަތުން ބަލިވެފައިވަނީ 1999 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ދެ ޓީމުގެ މެދުގައި 10 މެޗު ކުޅެވިފައިވާއިރު އޭގެ ތެރެއިން އެއްވެސް މެޗެއް ވޮޓްފޯޑަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިދިޔަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި ލިވަޕޫލްގެ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިޔަކު މި މެޗުގައި ކުޅެފައެއްނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ކެޕްޓަން ހެންޑަސަން އަދި ޖޯ ގޯމޭޒް ގެ އިތުރުން ޖޮއެލް މަޓިޕް އަދި ޖޯޖީނިއޯ ވައިނާލްޑަމްއަށް ވަނީ ފުރުސަތުދީފައެވެ.
ފުރަތަމަ ހާފު ފެށިގެން ލިވަޕޫލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ސަލާހު ވަނީ ފުރަތަމަ ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު ވޮޓްފޯޑްގެ ފަރާތުން ކުޅުން ރަނގަޅުވެގެންދިޔަ މަންޒަރު ފެނިގެންދިޔައިރު އެ ޓީމަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 43 ވަނަ މިނެޓުގައި ސަލާހު އަނެއްކާވެސް ލަނޑެއް ޖަހާ ލިވަޕޫލްގެ ލީޑު ފުޅާކޮށްދިނުމެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް އެ ޓީމަށް ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. އޭގެ ހަތަރު މިނެޓު ފަހުން ވޮޓްފޯޑްގެ ހަމަލާއެއް ލިވަޕޫލްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވެއެވެ. ސަލާހު ވަނީ މެޗުގެ 77 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ސަލާހު މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 85 ވަނަ މިނެޓުގައެވެ.
ސަލާހު ވެގެން ގޮސްފައިވަނީ 2013 ވަނަ އަހަރު ނޯވިޗް ސިޓީ ކޮޅަށް ލުއިސް ސުއަރޭޒް ހަތަރު ލަނޑު ޖެހިފަހުން އެއް މެޗެއްގައި ހަތަރު ލަނޑު ޖެހި ލިވަޕޫލްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ މިއީ ލިވަޕޫލްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ހެޓްރިކަށްވާއިރު މިހާތަނަށް އޭނާ ވަނީ މި ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް 36 ލަނޑު ޖަހައިދީފައެވެ. މިއީ ލިވަޕޫލްގެ ކްލަބް ރެކޯޑަކަށްވާއިރު 28 ލަނޑާއެކު މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް ސަލާހުއެވެ. ހަމައެހެންމެ ޔޫރަޕުގެ ރަން ބޫޓު ރޭންކިންގައި ވެސް އެއްވަނައިގައި އޮތީ ސަލާހުއެވެ. އޭނާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގައި ހެޓްރިކްއެއް ހެދި މިސްރަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ޕްރިމިއާ ލީގުގައި ކުޅުނު 31 މެޗުން ލިބުނު 63 ޕޮއިންޓާއެކު ލިވަޕޫލްއަށް ތާވަލުގެ ތިންވަނަ ލިބޭއިރު ވޮޓްފޯޑް އޮތީ ކުޅުނު 11 މެޗުން ލިބުނު 36 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.