ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 19:29
ޔުވެންޓަސްއާ ދެކޮޅަށް އިނިއެސްޓާ ކުޅެނީ
ޔުވެންޓަސްއާ ދެކޮޅަށް އިނިއެސްޓާ ކުޅެނީ
ގެޓީ އިމޭޖަސް
އަންދްރޭސް އިނިއެސްޓާ
އިނިއެސްޓާގެ ކުރިމަގާ މެދު މޭ މަހު ގޮތެއް ނިންމަނީ
ޓިއަންޖިން ކުއަންޖިއާންއަށް އިނިއެސްޓާ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާގެ ކުރިމަގާ މެދު އަންނަ މޭ މަހު ގޮތެއް ނިންމާނެ ކަމަށް އޭނާ ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ޗެލްސީ ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސާ ޖާގަ ހޯދި މެޗަށް ފަހު ވާހަކަ ދައްކަމުން އުމުރުން 33 އަހަރުގެ މިޑްފީލްޑަރު ބުނީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ޗެލްސީގެ މައްޗަށް ބާސާ ކުރި ހޯދިއިރު އިނިއެސްޓާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އިނިއެސްޓާ ދަނޑުން ފޭބި ވަގުތު ބާސާގެ ސަޕޯޓަރުން ވަނީ އޭނާއަށް ސްޓޭންޑިން އޮވޭޝަންއެއް ދީފައެވެ.

ޗައިނީޒް ސުޕާ ލީގުގައި ވާދަކުރަމުން އަންނަ ޓިއަންޖިން ކުއަންޖިއާންއަށް އިނިއެސްޓާ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެ ކްލަބުން ވަނީ މިއީ ދޮގު ޚަބަރުތަކެއް ކަމަށާއި އެ ޚަބަރުތައް ފަތުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ ބާސާގައި މަޑުކުރުމާއި ނުވަތަ ޗައިނާގެ ކްލަބަކަށް ބަދަލުވުމާ ގުޅޭ ގޮތުން އެޕްރީލް މަހުގެ 30 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ. އޭނާ ބުނީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ކްލަބާއި މަޝްވަރާ ކުރުމަށް ފަހު ކްލަބަށް ވެސް އަދި އޭނާއަށް ވެސް އެންމެ ރަނގަޅު ގޮތަށް ބެލުމަށް ފަހު ކަމަށެވެ.

ބާސާގެ ވެބްސައިޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާންމުކުރި ބަޔާނެއްގައި ވަނީ އިނިއެސްޓާ އެ ކްލަބާ އެކު އުމުރު ދުވަހުގެ ކޮންޓްރެކްޓެގައި ސޮއިކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުމާ އެކު އޭނާގެ ކެރިއަރު ނިންމާލާނީ ބާސާގައި ހުރެގެން ކަމަށެވެ. ބާސާ ދޫކޮށް ޗައިނާގެ ކްލަބަކަށް ބަދަލުވާން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފައިވާއިރު މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސް އިން ވަނީ އޭނާ ގެންދިޔުމަށް ބާސާއާ އެކު މަޝްވަރާ ކޮށްފައެވެ.

އިނިއެސްޓާ މިފަދައިން ވާހަކަ ދައްކާފައިވާއިރު ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ އިނިއެސްޓާ ނެތް ބާސާއަކާ މެދު ނުވިސްނާ ކަމަށާއި ހަގީގަތަކީ މިވަގުތު އިނިއެސްޓާއަކީ ބާސާގެ ކުޅުންތެރިއެއް ކަމަށެވެ. ބާސާއިން ވަނީ މި ހަފްތާގެ ތެރޭގައި ވެސް އާ މިޑްފީލްޑަރެއް އެ ޓީމަށް ގެނެސްފައެވެ. އެގޮތުން ގްރޭމިއޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އާތުރު މެލޯ ގެނައުމަށް ބާސާ އިން ވަނީ ގްރޭމިއޯ އާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

އިނިއެސްޓާއަކީ 639 މެޗާއިއެކު ބާސާއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އަދި 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ދުވަހުން ފެށިގެން ބާސާގެ ޓީމުގައި ހިމެނިގެން ކުޅެމުން އަންނަ އިނިއެސްޓާ ވަނީ އެ ޓީމަށް 55 ލަނޑު ޖަހައިދީފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ކެޕްޓަނަކީ ވެސް އިނިއެސްޓާއެވެ.

އިނިއެސްޓާ ބާސާއާއި ގުޅިފައި ވަނީ 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުމުރުން 12 އަހަރުގައެވެ. އޭނާއަކީ 30 ތައްޓާއެކު ބާސާގެ ތާރީހުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި އެއް ކުޅުންތެރިޔާއެވެ. ބާސާ އާއެކު އިނިއެސްޓާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލީގު ޗެމްޕިއަންކަން 8 ފަހަރު، އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް