ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 18:57
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
އެފްއޭއެމް
ފީފާ ރޭންކިން
ފީފާ ރޭންކިން: އިންޑިއާ ގަދަ 100 އަށް، ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ
މި މަހު ވެސް ރާއްޖެ ރޭންކް ކުރެވިފައިވަނީ 150 ވަނައިގައި
އިންޑިއާއަށް ލިބިފައި ވަނީ ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު 99 ވަނަ
މި މަހުގެ ވެސް ދުނިޔޭގެ އެއްވަނައިގައި ރޭންކު ކުރެވިފައި ވަނީ ޖަރުމަނު

ފީފާ ރޭންކިންގައި ރާއްޖޭގެ މަގާމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު ވާދަވެރި އިންޑިއާ އިން ދުނިޔޭގެ ގަދަ 100 ގައުމުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ކޮންމެ މަހަކު އެއްފަހު ނެރޭ ފީފާ ރޭންކިންގައި ރާއްޖޭގެ މަގާމަށް މި މަހު އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން މި މަހު ވެސް ރާއްޖެ ރޭންކް ކުރެވިފައި ވަނީ 150 ވަނައިގައެވެ. މި ފަހަރު ވެސް މި ސަރަހައްދުގެ އެއްވަނަ މަގާމު ހޯދީ އަވަށްޓެރި އިންޑިއާ އިންނެވެ. ދުނިޔޭގެ ގަދަ 100 ގައުމުގެ ތެރޭގައި އިންޑިއާ ރޭންކް ކުރެވިފައިވާއިރު އެ ގައުމަށް ލިބިފައިވަނީ ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު 99 ވަނައެވެ. އަފްޣާނިސްތާނަށް 148 ވަނަ ލިބޭއިރު ނޭޕާލްއަށް ލިބިފައިވަނީ 165 ވަނައެވެ. ބޫޓާނަށް 188 ވަނަ ލިބޭއިރު ބަންގްލަދޭޝް ރޭންކް ކުރެވިފައިވަނީ 197 ވަނައިގައެވެ. ސްރީ ލަންކާއަށް 200 ވަނަ ލިބޭއިރު މިފަހަރު ވެސް އެންމެ ދަށުން ރޭންކް ކުރެވިފައި ވަނީ ފީފާއިން ސަސްޕެންޑް ކޮށްފައިވާ ޕާކިސްތާނެވެ.

ފީފާ ރޭންކިންގެ އެއް ވަނަ ޖަރުމަނުން ދިފާއުކުރި އިރު އެ ޓީމަށް ލިބިފައި ވަނީ 1609 ޕޮއިންޓެވެ. ދެވަނައިގައި ބްރެޒިލް އޮތްއިރު ތިންވަނައިގައި އޮތީ ޕޯޗުގަލްއެވެ. ހަތަރުވަނައިގައި އާޖެންޓީނާ އޮތްއިރު ފަސްވަނައިގައި އޮތީ ބެލްޖިއަމްއެވެ. ބެލްޖިއަމް އަދި ސްޕެއިންއަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު އެ ދެ ޓީމުގެ ފަހަތުން އަށް ވަނައިގައި ސްވިޓްޒަލޭންޑް އޮތްއިރު ނުވަ ވަނައިގައި އޮތީ ފްރާންސެވެ. ގަދަ 10 އެއްގައި ދެން ހިމެނެނީ ދެކުނު އެމެރިކާގެ ޗެމްޕިއަނުން ކަމަށްވާ ޗިލީއެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 23 ވަނަ ލިބުނު ޓިއުނީޝިއާއެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައި ވަނީ 17 ވަނައިގައި އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ދެވަނައިގައި އޮތް ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 33 ވަނައިގައި ރޭންކް ކުރެވިފައިވާ އީރާނެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 120 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މެދުތެރޭ ޔޫރަޕުގެ ގައުމެއް ކަމަށްވާ އެންޑޮރާއެވެ. އެ ޓީމުން އަށް ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު ހަތް ދަރަޖައިގެ ވެއްޓުމަކާ އެކު އެންމެ ބޮޑު ވެއްޓުމެއް މިފަހަރު ލިބިފައި ވަނީ މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ އަޒެރުބައިޖާންއެވެ. އެންޑޮރާ 130 ވަނައިގައި ރޭންކް ކުރެވިފައިވާއިރު އަޒެރުބައިޖާން ރޭންކް ކުރެވިފައިވަނީ 127 ވަނައިގައެވެ.

- ކޮމެންޓް