ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ތުރުކީގެ ބެސިކްޓަސް ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކް އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ބަޔާން ކުއާޓާއަށް ދަތުރުކުރީ 8-1 ގެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކުން ބެސިކްޓަސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 5-0 ގެ ނަތީޖާއަކުން ބަޔާން ކާމިޔާބުކުރި އިރު ބެސިކްޓަސްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ވެސް 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާންއެވެ. ބުންޑެސްލީގާގައި ހެމްބާގް އަތުން ބަޔާން މޮޅުވި މެޗުގައި ނުކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ތިއާގޯ އަދި ރަފީންޔާ ވަނީ މި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.
ފުރަތަމަ ހާފު ފެށިގެން ބަޔާން އިން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެ ބެސިކްޓަސްގެ ގޯލަށް ނުރައްކާކޮށްފައެވެ. ބަޔާން އިން ތަކުރާރުކޮށް އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 18 ވަނަ މިނެޓުގައި ތޯމަސް މުލާ ނަގައިދިން ހުރަހަކުން ތިއާގޯ ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނުމެވެ. މި ހާފުގައި ބަޔާންއަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވެގެންދިޔައީ އަނިޔާގެ ސަބަބުން ތިއާގޯ ދަނޑުން ބާލަން ޖެހުމާ ގުޅިގެންނެވެ. ބެސިކްޓަސްއިން ވަނީ މި ހާފުގައި ބަޔާންގެ ގޯލަށް ވެސް ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ބަޔާން އިން ފުރަތަމަ ހާފު ނިންމާލި އިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކައި ބެސިކްޓަސްގެ ގޯލަށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައެވެ. ބަޔާންއަށް ލީޑު ފުޅާވެގެންދިޔައީ މެޗުގެ 46 ވަނަ މިނެޓުގައި ބެސިކްޓަސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ވެގްނަރ ލަވް ވަނީ ބެސިކްޓަސްއަށް ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑަށް ފަހު ވެސް ބެސިކްޓަސްއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ބަޔާންގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ 84 ވަނަ މިނެޓުގައެވެ. މި ލަނޑު ޑޭވިޑް އަލަބާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ ސެންޑްރޯ ވެގްނަރއެވެ.
މި މެޗުގައި ތިއާގޯ ޖެހި ލަނޑު ވެގެންގޮސްފައި ވަނީ މި ސީޒަނުގައި ބަޔާނުން ހުރިހާ މުބާރާތެއްގައި ކާމިޔާބުކުރި 100 ވަނަ ލަނޑަށެވެ. ހަމައެހެންމެ ބަޔާންގެ ކޯޗުގެ މަގާމުގައި މިވަގުތު ހުރި ޖުޕް ހެއިންކޭސް އެ ޓީމަށް ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އިރުޝާދު ދިން 11 މެޗުން ވެސް އެ ޓީމު ބަލިވެފައެއް ނުވެއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ވާދަކުރާ ޓީމުތައް ކަށަވަރުވެފައިވާއިރު ކުއާޓާ ފައިނަލުގެ ގުރު ނެގުން އޮންނާނީ ހުކުރު ދުވަހުގެ ހަވީރުއެވެ. ބާސާގެ އިތުރުން ކުއާޓާއަށް ދަތުރުކޮށްފައި ވަނީ ބަޔާން މިއުނިކާއި ލިވަޕޫލާއި ރެއާލް މެޑްރިޑާއި ޔުވެންޓަސް އާއި މެންޗެސްޓާ ސިޓީ އަދި ރޯމާގެ އިތުރުން ސެވިއްޔާއެވެ.