ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގެއް އެބައޮތް ކަމަށާއި ހުރިހާ އެންމެންގެ ވެސް އެހީތެރިކަން އެކަމަށް ބޭނުންވާ ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގެޓް ބުނެފިއެވެ.
ގައުމީ ޓީމުގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު ސެގެޓްދިން ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޭނާ ބުނީ ކުޅުންތެރިން ބިނާކުރުމަށް އޭނާގެ ގާބިލުކަން ތަންދިން މިންވަރަކުން މަސައްކަތްކުރާނެ ކަމަށެވެ. އޭނާ ބުނީ ގިނަ ބަދަލުތަކެއް ފެންނަން އެންމެން ވެސް ބޭނުންވާ ކަމަށާއި އެއީ އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ސެގެޓް ބުނީ އޭނާގެ ކުޅުމުގެ ވައްޓަފާޅިއަށް މީހުން އިހުތިރާމުކުރަން ބޭނުންވާ ކަމަށާއި އެންމެންވެސް ބޭނުންވާ ބަދަލުތައް އޭރު ފެނިގެންދާނެ ކަމަށެވެ. އޭނާ ބުނީ ރާއްޖޭގައި ފުޓްބޯޅަ ކުޅޭ ހުރިހާ ކުޅުންތެރިންނަށް ވެސް އޭނާގެ ކޯޗުކަމުގެ ދަށުން ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ކުޅުމުގެ ޝައުގުނެތި ކުޅޭ މަންޒަރު ފެންނަ ކަމަށެވެ. ސެގެޓް ބުނީ ބޭނުންވާ ވަގުތު ލިބެއްޖެނަމަ ކުރިއަރާ މަންޒަރު ފެނިގެންދާނެ ކަމަށެވެ.
ސެގެޓް އެ މަގާމަށް އައްޔަނު ކޮށްފައިވާއިރު ގައުމީ ކޯޗެއްގެ ގޮތުގައި އޭނާގެ ފުރަތަމަ މެޗު ވެގެންދާނީ ސިންގަޕޫރާއި ދެކޮޅަށް ރާއްޖޭގެ ޓީމު ކުޅޭ ރަހުމަތްތެރިކަމުގެ މެޗެވެ.