ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ގެ ހެޓްރިކާއެކު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ ޗެމްޕިއަން އައިޒޮލް އެފްސީ ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ގްރޫޕް އީގެ ކުރީގައި ހަ ޕޮއިންޓާއެކު ހަމަޖެހިލައިފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗު ނިއު ކާމިޔާބުކުރީ، އައިޒޮލް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޑާކާ އަބްހާނީ އަތުން ނިއު މޮޅުވިއިރު މިއީ މި މުބާރާތުގައި އައިޒޮލް ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ހަފްތާގައި އައިޒޮލް އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައި އޮތް ނަމަވެސް އިންޑިއަން ސުޕާ ލީގުގެ ސެމީ ފައިނަލުގައި ބެންގަލޫރު ކުޅެން ޖެހުމާއި ގުޅިގެން އެ މެޗު ފަސްކުރެވުނެވެ.
މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އައިޒޮލްއިންނެވެ. ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އައިޒޮލްއަށް ލީޑު ނަގައިދިނީ ލާލްރަމްހުންމާވިއާއެވެ. މި ލަނޑަށް ފަހު ނިއުއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކްތައް އިތުރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން 40 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ދަގަނޑޭ ވަނީ ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ނިއުއިން ވަނީ ފުރަތަމަ ހާފަށް ވުރެ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފުގައި އައިޒޮލްއަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެގެންދިޔައީ އެ ޓީމުގެ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. 10 ކުޅުންތެރިންނާއެކު ކުޅުމުންދިޔަ އައިޒޮލްގެ މައްޗަށް ނިއުއަށް ލީޑު ލިބިގެންދިޔައީ މެޗުގެ 75 ވަނަ މިނެޓުގައި ދަގަނޑޭ ޖަހައިދިން ލަނޑާއެކުއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މޮޅާއެކު ނިއުއިން ވަނީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްފައެވެ. އެއްވެސް މެޗަކުން ބަލިނުވެ ނިއު އޮތީ ގްރޫޕުގެ އެއްވަނައިގައެވެ.