ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، މެންޗެސްޓާ ސިޓީއަށް ބަދަލުވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ސިޓީގެ ސްޕޯޓިން ޑިރެކްޓަރ ފެރަން ސޮރިއާނޯ ބުނެފިއެވެ.
ޔޫރަޕުގެ ޓީމްތަކުގެ ތެރެއިން މާލީ ގޮތުން އެންމެ ތަނަވަސް އެއް ޓީމަކީ ސިޓީއެވެ. މިދިޔަ ދެތިން އަހަރުގެ ތެރޭގައި އެ ޓީމުން ވަނީ އެތަކެއް މިލިއަން ރުފިޔާއެއް ހަރަދުކޮށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން އެ ޓީމަށް ގެނެސްފައެވެ. އެގޮތުން ސިޓީގެ ޑިފެންސަކީ ވެސް 200 މިލިއަން ޔޫރޯ އަށް ވުރެ އަގުބޮޑު ޑިފެންސް ލައިނެކެވެ. އެ ޓީމުން ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ރެކޯޑު ދެފަހަރެއްގެ މަތިން މުގުރާލާފައެވެ. މިކަމާ ގުޅިގެން މެސީ އެ ޓީމަށް ގެންދިޔުމަށް މަސައްކަތްކުރާ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި މެސީއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން އޭނާ ސިޓީގެ ޖާޒީގައި ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެހެން ނަމަވެސް ސިޓީގެ ސްޕޯޓިން ޑިރެކްޓަރ ފެރަން ސޮރިއާނޯ ބުނީ މެސީގެ ސޮއި ހޯދުމުގެ އެއްވެސް ފުރުސަތެއް ސިޓީއަށް ނެތް ކަމަށާއި މެސީއަކީ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުންނަން ޖެހޭ ކުޅުންތެރިއެއް ކަމަށެވެ. އޭނާގެ އާއިލާ ވެސް ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި އޭނާގެ އާއިލާ ވެސް ބޭނުން ވަނީ މެސީ ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުންނަން ކަމަށް ސޮރިއާނޯ ބުނެފައި ވެއެވެ.
ސޮރިއާނޯ ބުނީ މެސީއާ ނުލައި ސިޓީއަށް ކުރިޔަށް ދެވޭނެ ކަމަށާއި އެ ޓީމުން ކަންތައްތައް ކުރާނީ ވެސް އެގޮތަށް ކަމަށެވެ. އޭނާ ބުނީ ތަށި ހޯދުމަށް މެސީ ހުރެއްޖެ ނަމަ ފަސޭހަވާނެ ކަމަށާއި އެއީ މެސީއަކީ ދުނިޔޭގެ ތާރީހުގައި ވެސް އެފުދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ވާތީ ކަމަށެވެ. ސޮރިއާނޯ ބުނީ މެސީ ހުރިހާ ކަމެއް ވެސް ބަދަލުކޮށްލާފައިވާ ކަމަށާއި އޭނާއަކީ ޖާދޫގަރެއް ކަމަށެވެ.
މެސީއަށް ތައުރީފުކޮށް ސޮރިއާނޯ ވާހަކަ ދައްކާފައިވާއިރު އޭނާ ވަނީ ސިޓީގެ ކޯޗުގެ މަގާމުގައި ހުރި ގާޑިއޯލާއަށް ވެސް ތައުރީފުކޮށްފައެވެ. މީގެ ކުރިން މެސީއާ އެކު ބާސާގައި ގިނަ ކާމިޔާބުތަކެއް ހޯދި ގާޑިއޮލާއާ ބެހޭ ގޮތުން ސޮރިއާނޯ ބުނީ ގާޑިއޯލާގެ އެންމެ ރަނގަޅު ސިފައަކީ އޭނާ މަސައްކަތްކުރާ މިންވަރު ކަމަށެވެ. ގާޑިއޯލާއަކީ އެހެން ހުރިހާ މީހުންނަށް ވުރެ ގިނައިން މަސައްކަތްކުރާ މީހެއް ކަމަށާއި އެކަމުގެ ސަބަބުން ޖާދޫގަރެއްގެ ގޮތުގައި އޭނާ ސިފަވާ ކަމަށް ސޮރިއާނޯ ބުނެފައި ވެއެވެ.
ފުޓްބޯޅައިގައި މަސައްކަތް ނުކޮށްފި ނަމަ ވަރަށް ދަށް ނަތީޖާތަކާއި ކުރިމަތިލާން ޖެހޭކަން ގާޑިއޯލާއަށް އެނގޭ ކަމަށާއި އޭނާއަށް ވެސް ވަގުތު ދޭންޖެހޭ ކަމަށް ސޮރިއާނޯ ބުނެފައިވެއެވެ. އޭނާ ބުނީ ކާމިޔާބު ހޯދާފައިވާ ޓީމުތަކަކީ ކޮންމެ ދެ މަހަކުން ކޯޗުން ބަދަލުކޮށްފައިވާ ޓީމުތައް ނޫން ކަމަށާއި ކޯޗުންނަށް ވަގުތު ދެވިއްޖެ ނަމަ އެ ކޯޗަކު ނަތީޖާ ނެރޭނެ ކަމަށެވެ.
ސިޓީ އިން މެސީ ގެންދަން ބޭނުންވާ ނަމަ އޭނާގެ ރިލީސް ފީ ކަމަށްވާ 700 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެއެވެ.