ކ. މާލެ
|
14 މާރޗް 2018 | ބުދަ 16:40
ސެވިއްޔާ އަދި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން
ސެވިއްޔާ އަދި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ރޯމާ ކޮލިފައިވިއިރު ސެވިއްޔާ އަތުން ބަލިވެ ޔުނައިޓެޑް ކަޓައިފި
ޔުނައިޓެޑް މި މުބާރާތުން ކެޓީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސެވިއްޔާ އަތުން ބަލިވެގެން
ރޯމާ ކޮލިފައިވީ ރަށުން ބޭރުގައި ޖެހި ލަނޑުގެ ތަފާތުން ކުރި ހޯދައިގެން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްއިން އިޓަލީގެ ރޯމާ ޖާގާ ހޯދިއިރު ސްޕެއިންގެ ސެވިއްޔާ އަތުން ބަލިވެ ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.

ޔުނައިޓެޑް މި މުބާރާތުން ކެޓީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސެވިއްޔާ އަތުން ބަލިވެގެންނެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 0-0 ގެ ނަތީޖާއަކުން އެއްވަރުވިއިރު ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ސެވިއްޔާ އިން ކާމިޔާބުކުރީ 2-1 ގަ ނަތީޖާއަކުންނެވެ. ޔުނައިޓެޑްގެ ފުރަތަމަ އެގާރަ އިން ޖެސޭ ލިންގާޑް އަދި މާކަސް ރަޝްފޯޑްގެ އިތުރުން އެރިކް ބާޔީއަށް ވަނީ ފުރުސަތު ދީފައެވެ. ހަމައެހެންމެ ސެވިއްޔާގެ ފުރަތަމަ އެގާރައިން ފެނިގެން ގޮސްފައި ވަނީ އެންމެ ބަދަލެކެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ޔުނައިޓެޑްގެ ފެލައިނީ އަދި ލިންގާޑްއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު ސެވިއްޔާގެ ކުޅުންތެރިންނަށް ވެސް ލީޑު ނެގުމަށް ހުސް ފުރުސަތުތަކެއް ލިބެ ބޭކާރުވެފައެވެ. ދެ ޓީމުގެ ކީޕަރުން ވެސް ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ޕަބްލޯ ސަރާބިއާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ވިސާމް ބެން ޔަދާރުއެވެ. އެ ޓީމުން ވަނީ އޭގެ ހަތަރު މިނެޓު ފަހުން އަނެއްކާ ވެސް ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޔަދާރުއެވެ.

މި ދެ ލަނޑަށް ފަހު ޔުނައިޓެޑުން ކޮލިފައިވުމަށް މަގެއް ހޯދަމުންދިޔައިރު އެ ޓީމަށް އުއްމީދު އާވެގެންދިޔައީ 84 ވަނަ މިނެޓުގައި ލުކާކޫ ޖަހައިދިން ލަނޑާ އެކުއެވެ. އެހެން ނަމަވެސް ޔުނައިޓެޑަށް ކުއާޓާގެ ޖާގައެއް ހޯދޭ ވަރަށް ނަތީޖާ ބަދަލުކޮށްލެވިފައެއް ނުވެއެވެ.

އިޓަލީގެ ރޯމާ އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ 2-2 ގެ ނަތީޖާއަކުން ޔޫކްރެއިންގެ ޝަކްތަރު ޑޮނޭޓްސްކްއާ އެއްވަރުކޮށް ރަށުން ބޭރުގައި ޖެހި ލަނޑުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ޝަކްތަރުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން ޝަކްތަރުން ކާމިޔާބުކުރިއިރު ރޯމާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޯމާއެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު ދެވަނަ ހާފުގައި ރޯމާ އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ކެވިން ސްޓްރޫޓްމަން ތަނަވަސްކޮށްދިން ފުރުސަތަކުން ރޯމާއަށް ލީޑު ނަގައިދިނީ އެޑިން ޒެކޯއެވެ. މި މެޗުގައި ޝަކްތަރަށް އިތުރު ހުރަސްތަކަކާ ކުރިމަތިވެގެންދިޔައީ 79 ވަނަ މިނެޓުގައި އެ ޓީމުގެ އިވާން އޯޑެކްއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ.

ކުއާޓާ ފައިނަލުގެ ގުރު ނެގުން އޮންނާނީ ހުކުރު ދުވަހުގެ ހަވީރުއެވެ. މިހާތަނަށް ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައިވަނީ ސެވިއްޔާ އާއި ރޯމާ އާއި ރެއާލް މެޑްރިޑް އާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލްގެ އިތުރުން ޔުވެންޓަސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް