ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ކްރޮއޭޝިއާގެ ޕީޓާ ސެގެޓް އައްޔަނު ކޮށްފިއެވެ.
އަފްޣާނިސްތާނުގެ ފުޓްބޯޅައަށް ބޮޑު ކުރިއެރުންތަކެއް ހޯދައިދިން ސެގެޓް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ބުދަ ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައެވެ. ސެގެޓް އާއެކު އެފްއޭއެމްގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. އޭނާ އާއެކު އެފްއޭއެމްއިން ސޮއިކޮށްފައިވަނީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ވެގެންދާނީ ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ ގައުމީ ޓީމާއި ހަވާލުވާނެ ހަތަރުވަނަ ކޯޗަށެވެ.
ގައުމީ ޓީމަށް އާ ކޯޗެއް އައްޔަނު ކޮށްފައިވަނީ އެ މަގާމުގައި މީގެކުރިން ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ ކޮންޓްރެކްޓް ހަމަވުމާއި ގުޅިގެންނެވެ. ސެގެޓް ވަނީ އަފްޣާނިސްތާނުގެ ގައުމީ ޓީމާއެކު 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ބަލިކޮށްފައެވެ. ރިކީ ހާބާޓްގެ އިރުޝާދުގެ ދަށުން އޭރު ކުޅުނު ރާއްޖޭގެ ގައުމީ ޓީމުގެ މައްޗަށް އެފަހަރު އަފްޣާނިސްތާން ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އަފްޣާނިސްތާނު އަތުން އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗެވެ. އަފްޣާނިސްތާނުގެ ފުޓްބޯޅައިގެ ތާރީހުގައި އެ ޓީމަށް އެންމެ ބޮޑު ކާމިޔާބެއް ހޯދައިދިން ކޯޗަކީ ސެގެޓް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ޖަރުމަނުގެ ޓީމުތަކުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި ސެގެޓް ވަނީ 2008 ވަނަ އަހަރު މެދުތެރޭ ޔޫރަޕުގެ ގައުމެއް ކަމަށްވާ ޖޯޖިއާގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ވެސް ކޮށްފައެވެ.