ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 22:19
އާޔެން ރޮބެން އަދި ފްރޭންކް ރިބެރީ
އާޔެން ރޮބެން އަދި ފްރޭންކް ރިބެރީ
ގެޓީ އިމޭޖަސް
ބަޔާން މިއުނިކް
ރޮބެން އަދި ރިބެރީގެ ކޮންޓްރެކްޓް ބަޔާނުން އާކުރަނީ
އެ ދެ ކުޅުންތެރިން ވެސް ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ނިމޭނެ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ތަޖުރިބާކާރު ވިންގަރުން ކަމަށްވާ އާޔެން ރޮބެން އަދި ފްރޭން ރިބެރީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް އެ ކްލަބުން ފަށައިފިއެވެ.

ހޮލެންޑްގެ ވިންގަރ ރޮބެން އަދި ފްރާންސްގެ ވިންގަރ ރިބެރީ ވެސް ބަޔާންއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު، މިސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

އުމުރުން 34 އަހަރުގެ މި ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވުމާ ގާތްވެފައިވާއިރު، ބަޔާން މިއުނިކްގެ ޗީފް އެގްޒެކެޓިވް ކާލް ހެއިންޒް ރުމެނިގޭ ވަނީ، އެ ދެކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތަކަށް ތައްޔާރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ރުމެނިގޭ ބުނީ، ރޮބެން އަދި ރިބެރީ އާ ވާހަކަ ދެކެވިފައިވާ ކަމަށާއި ކޮންޓްރެކްޓްގެ މަޝްވަރާތައް އޭޕްރީލް މަހު ފެށުމަށް ދެ ކުޅުންތެރިން ވެސް ކްލަބާ އެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ.

އޭޕްރީލް މަހު މަޝްވަރާތައް ފެށުމަށް ދެ ކުޅުންތެރިން ވެސް އެއްބަސްވެފައިވާއިރު، ބަޔާންއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާ ގާތްވުމަކީ މާބޮޑު މައްސަލައެއް ކަމުގައި އެ ދެކުޅުންތެރިން ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

ރުމެނިގޭ އިތުރަށް ބުނީ، ޖަރުމަނު ބުންޑަސްލީގާގައި ހޮނިހިރު ދުވަހު ހެމްބާގްއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައި ދެއްކި ފަދަ ކުޅުމެއް އެ ދެ ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ ނަމަ އެ ދެ ކުޅުންތެރިން ވެސް ކްލަބުގައި މަޑުކުރާނެ ކަމަށެވެ.

ބުންޑަސްލީގާގައި ހެމްބާގްއާ ދެކޮޅަށް ބަޔާން ކުޅުނު މެޗު ބަޔާން ކާމިޔާބުކުރީ 6-0 އިންނެވެ. މިމެޗުގައި ރިބެރީ ދެ ލަނޑު ޖެހިއިރު، ރޮބެންވެސް ބަޔާން އަށް ލަނޑެއް ޖެހިއެވެ.

އެހެންނަމަވެސް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބުދަ ދުވަހުގެރޭ ބެސިކްޓާސް އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ނެގި ސްކޮޑުގައި ރޮބެން ނުހިމެނެއެވެ. މިދެޓީމް ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 5-0 ގެ ބޮޑު ތަފާތަކުން ބަޔާން ކާމިޔާބު ކޮށްފައިވާއިރު، ދެވަނަ ލެގަށް ނެގި ސްކޮޑުގައި ރޮބެން ހިމަނާފައިނުވަނީ އަނިޔާގެ ސަބަބުން ކަމަށް ރުމެނިގޭ ބުންޏެވެ.

ޖަރުމަނު ބުންޑަސްލީގާގައި ކޮންމެ ޓީމަކަށް ވެސް ބާކީ އަށް މެޗު އޮތްއިރު، 20 ޕޮއިންޓުގެ ލީޑަކާ އެކު ބަޔާން އޮތީ ލީގު ތާވަލްގެ އެއްވަނާގައެވެ. ބަޔާން އަށް 26 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، 46 ޕޮއިންޓާއެކު ދެވަނާގައި ވަނީ ޝާލްކޭއެވެ. ތާވަލްގެ ތިންވަނާގައިވާ ބޮރޫޝިއާ ޑޯޓްމުންޑަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.

- ކޮމެންޓް