ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 22:48
މައުރީސިއޯ ޕެލެގްރީނޯ
މައުރީސިއޯ ޕެލެގްރީނޯ
ގެޓީ އިމޭޖަސް
ސައުތުހެމްޕްޓަން
ސައުތުހެމްޕްޓަންގެ ކޯޗުގެ މަގާމުން ޕެލެގްރީނޯ ވަކިކޮށްފި
ސައުތުހެމްޕްޓަން މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 17 ވަނައިގައި
އެންމެ ފަހުން އެ ޓީމު ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ސައުތުހެމްޕްޓަންގެ ކޯޗުގެ މަގާމުގައި ހުރި މައުރީސިއޯ ޕެލެގްރީނޯ އެ މަގާމުން ވަކިކޮށްފިއެވެ.

އުމުރުން 46 އަހަރުގެ ކޯޗު އެ މަގާމުން ވަކިކޮށްފައި ވަނީ ހޮނިހިރު ދުވަހު ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް އަތުން އެ ޓީމު ބަލިވި މެޗަށް ފަހުއެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވާއިރު ސައުތުހެމްޕްޓަން އޮތީ ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނަށް ވުރެ އެއް މަގާމު މަތީގައެވެ. ހަމައެހެންމެ އެންމެ ފަހުން އެ ޓީމު ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.

ސައުތުހެމްޕްޓަން އިން ނެރުނު ބަޔާނެއްގައި އެ ކްލަބުން ބުނެފައި ވަނީ ޕެލެގްރީނޯއާ އެކު އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހުރި ކާލޯސް ކޮމްޕަނޫޗީ އަދި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި ޒަވިއާ ޓަމާރިޓް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ މުސްތަގުބަލުގައި ޕެލެގްރީނޯ އަދި ކޮމްޕަނޫޗީގެ އިތުރުން ޓަމާރިޓްއަށް ކާމިޔާބު އެދޭ ކަމަށާއި އެ ކްލަބަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރުވެރިވާ ކަމަށެވެ. ވީހާ ވެސް އަވަހަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އާ ކޯޗެއް ހަމެޖެހިގެންދާނެ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.

ސައުތުހެމްޕްޓަންގެ ކޯޗުގެ މަގާމާއި ޕެލެގްރީނޯ ހަވާލުވީ މިދިޔަ ޖޫން މަހު އެ މަގާމުގައި ހުރި ކްލައުޑޭ ޕުއެލް އެ މަގާމުން ވަކިކުރުމާ އެކުއެވެ. އަންނަ އާދިއްތަ ދުވަހު އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ވިގަން އެތުލެޓިކާ ދެކޮޅަށް އެ ޓީމު ނުކުތުމުގެ ކުރިން އާ ކޯޗެއް އައްޔަނުކުރާނެ ކަމަށް އިނގިރޭސި މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. މިއީ ސައުތުހެމްޕްޓަން ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ވާދަކުރާ ހަވަނަ ސީޒަނަށްވާއިރު 14 މަގާމަށް ވުރެ ތިރިން އެއްވެސް ސީޒަނެއްގައި އެ ޓީމު ނިންމާލާފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ނިއުކާސަލް އަތުން ބަލިވި މެޗުގެ ކުރިން ޕެލެގްރީނޯ ވަނީ އޭނާގެ ކުޅުންތެރިންނަށް ފާޑުކިޔާފައެވެ. އެގޮތުން އޭނާ ބުނީ ބައެއް ކުޅުންތެރިން ކުޅެން ބޭނުންނުވާ މަންޒަރު ފެންނަމުންދާ ކަމަށާއި ބައެއް ކުޅުންތެރިންގެ ފަރާތުން އެއްވެސް ވަރެއްގެ ޝައުގުވެރިކަމެއް ފެންނަމުން ނުދާ ކަމަށެވެ. ޕެލެގްރީނޯއަކީ އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ.

ހުސްވެފައިވާ ސައުތުހެމްޕްޓަންގެ ކޯޗުގެ މަގާމަށް އެންމެ އައުން އެކަށީގެން ވަނީ ވޮޓްފޯޑުގެ ކުރީގެ ކޯޗު މާކޯ ސިލްވާ ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ. ހަމައެހެންމެ މީގެ ކުރިން މެންޗެސްޓާ ސިޓީ އާއި ސްޓޯކް ސިޓީ އަތި ފުލަމްއަށް އިރުޝާދު ދިން މާކް ހިއުސް ވެސް އެ މަގާމަށް އައުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެންމެ އަވަހަށް ސައުތުހެމްޕްޓަންގެ ކޯޗުގެ މަގާމަށް އައްޔަނުކުރެވޭ ކޯޗު ވެގެންދާނީ މައުރީސިއޯ ޕޮޗެޓީނޯގެ ފަހުން އެ މަގާމަށް އައްޔަނުކުރެވޭ ފަސްވަނަ ކޯޗަށެވެ. ސައުތުހެމްޕްޓަން ވެގެން ގޮސްފައި ވަނީ ސީޒަނުގެ މިހާތަނަށް އައިރު ކޯޗު މަގާމުން ވަކިކުރި ނުވަ ވަނަ ޓީމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް