ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 18:46
މައިކަލް ކެރިކް
މައިކަލް ކެރިކް
ގެޓީ އިމޭޖަސް
މައިކަލް ކެރިކް
ސީޒަން ނިންމާލުމަށް ފަހު ރިޓަޔާކުރަން ކެރިކް ނިންމައިފި
އޭނާ ޔުނައިޓެޑާ ގުޅިފައި ވަނީ 18 މިލިއަން ޕައުންޑްގެ ފީއަކަށް 2006 ވަނަ އަހަރު
ޔުނައިޓެޑްގައި ހޭދަކުރި 12 އަހަރުގައި ކެރިކް ވަނީ އެ ޓީމަށް 463 މެޗު ކުޅެދީފައި

މިހާރު ހިނގަމުން މިދާ ފުޓްބޯޅަ ސީޒަން ނިންމާލުމަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަޖުރިބާކާރު މިޑްފީލްޑަރު މައިކަލް ކެރިކް ނިންމައިފިއެވެ.

ވެސްޓްހޭމް ޔުނައިޓެޑްގެ ޔޫތު ޓީމުން ތަމްރީނުވި ކެރިކް ވަނީ ޓޮޓެންހަމްއަށް ވެސް ކުޅެފައެވެ. ޓޮޓެންހަމްގައި ދެ ސީޒަން ހޭދަކުރުމަށް ފަހު އޭނާ ޔުނައިޓެޑާ ގުޅިފައި ވަނީ 2006 ވަނަ އަހަރު 18 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

ރިޓަޔާ ކުރަން ނިންމާކަން ހާމަކުރަމުން ކެރިކް ބުނީ އިތުރަށް ކުރިޔަށް ގެންދިޔުމުގެ ބާރެއް ހަށިގަނޑުގައި ނެތް ކަމަށާއި އޭނާ މިހާރު ހުރީ ކުރިއަށް ދެވޭނެ ހާލަތެއްގައި ނޫން ކަމަށެވެ. ކެރިކްގެ ހިތަށް ދިމާވި މައްސަލައަކާ ގުޅިގެން އޭނާ މިހާތަނަށް މި ސީޒަނުގައި ކުޅެފައި ވަނީ އެންމެ ހަތަރު މެޗެވެ. ކެރިކް ބުނީ ހިތަށް ދިމާވި މައްސަލަ އަށް ފަހު ވަރަށް ގަދަޔަށް ވިސްނަން ޖެހުނު ކަމަށާއި އެހެން ނަމަވެސް އޭރު ވެސް ނިންމީ ފިޓްވެ ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

އޭނާ ބުނީ މިހާތަނަށް މި ސީޒަނުގައި ކުޅުމުގެ ފުރުސަތު މަދުން ލިބުނު ނަމަވެސް އަބަދު ވެސް ފިޓްކޮށް ހުންނަންޖެހޭ ކަމަށެވެ. އެއީ ޓީމަށް އޭނާ ބޭނުންވާނީ ކޮން ވަގުތެއްގައި ކަން ކަނޑައެޅިގެން ބުނަން ނޭނގޭތީ ކަމަށާއި އުއްމީދުކުރަނީ އިތުރު މެޗު ކުޅުމަށް ފުރުސަތު ލިބޭނެ ކަމަށް ކަމަށް ވެސް ކެރިކް ބުނެފައި ވެއެވެ.

މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައި ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ކެރިކް ސްކޮޑުގައި ނުހިމެނުނު ނަމަވެސް ޓީމާ އޭނާ ވަކިވާން ބޭނުންނުވާ ކަމަށެވެ. ހަމައެހެންމެ ޓީމުގެ އެހެން ރޯލަކުން އޭނާ ފެނުމަށް އުއްމީދުކުރާ ކަމަށް ވެސް މޮރީނިއޯ ބުނެފައި ވެއެވެ. ކެރިކް ވަނީ މޮރީނިއޯގެ މި ހުށަހެޅުން ގަބޫލުކޮށް އޭނާ ރިޓަޔާ ކުރުމާ އެކު މޮރީނިއޯގެ ކޯޗިން ސްޓާފުންގެ ޓީމާ ގުޅުމަށް ނިންމާފައެވެ.

ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ކެރިކް ކުޅުނީ ވެސްޓްހަމް ޔުނައިޓެޑްއަށެވެ. އެ ޓީމަށް 150 އަށްވުރެ ގިނަ މެޗު ކުޅުދިނުމަށް ފަހު ކެރިކް ޓޮޓެންހަމްއަށް ބަދަލުވީ 2004 ވަނަ އަހަރުއެވެ. ކެރިކްގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް އޭނާ ހޭދަކޮށްފައި ވަނީ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ޔުނައިޓެޑްގައި ހޭދަކުރި ދުވަސްވަރު ކެރިކް ވަނީ އެ ޓީމާ އެކު ފަސް ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ އެ ޓީމާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ. ދެ ފަހަރެއްގެ މަތިން ބާސެލޯނާ އަތުން ބަލިވެ ކެރިކްއަށް ދެ ޔުއެފާ ޗެމްޕިއަންސް ލީގު ގެއްލުނު ނަމަވެސް އޭނާއަކީ ޔުނައިޓެޑްގެ ތާރީހުގައި ވެސް އެންމެ ގިނައިން ތަށި ކާމިޔާބުކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ވޭން ރޫނީ ޔުނައިޓެޑް ދޫކޮށްލުމާ ގުޅިގެން އެ ޓީމުގެ ކެޕްޓަން ބޭންޑް ވެސް ހަވާލުކޮށްފައި ވަނީ ކެރިކްއާއެވެ. މިދިޔަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ވެސް ކެރިކް ވަނީ ޔުނައިޓެޑާއެކު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑްގައި ހޭދަކުރި 12 އަހަރުގައި ކެރިކް ވަނީ އެ ޓީމަށް 463 މެޗު ކުޅެދީ 24 ލަނޑު ޖަހައިދީފައެވެ. ކްލަބް ފެންވަރުގައި ކެރިކްއަކީ ކިތަންމެ ކާމިޔާބު ކުޅުންތެރިޔަކަށް ވިނަމަވެސް އިނގިރޭސި ގައުމީ ޓީމަށް އޭނާ ކުޅެދީފައި ވަނީ އެންމެ 34 މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް