ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 16:28
ސިޓީގެ ދެ ލަނޑު ވެސް މި މެޗުގައި ޖެހީ ޑޭވިޑް ސިލްވާ
ސިޓީގެ ދެ ލަނޑު ވެސް މި މެޗުގައި ޖެހީ ޑޭވިޑް ސިލްވާ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ތަށި ކާމިޔާބުކުރުމާ ގާތަށް ސިޓީ ޖެހިލައިފި
ސްޓޯކް ސިޓީ އަތުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކުރުމާ ގާތަށް މެންޗެސްޓާ ސިޓީ އިން ޖެހިލައިފިއެވެ.

އެ ޓީމުން ތަށި ކާމިޔާބުކުރުމާ ގާތަށް ޖެހިލާފައި ވަނީ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ސްޓޯކް ސިޓީ ބަލިކޮށްގެންނެވެ. މިދިޔަ ހަފްތާގައި ޗެލްސީ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި ސިޓީގެ ޓީމަށް ހަތަރު ބަދަލެއް މި މެޗުގައި ޕެޕް ގާޑިއޯލާ ގެނެސްފައިވެއެވެ. އެގޮތުން އަނިޔާގެ ސަބަބުން ސާޖިއޯ އަގުއޭރޯ ކުޅެފައިނުވާއިރު އޭނާގެ ބަދަލުގައި ކުޅެފައި ވަނީ ގެބްރިއެލް ޖީސަސްއެވެ. ހަމައެހެންމެ ރަހީމް ސްޓާލިން ވެސް ވަނީ އަނިޔާއިން އެނބުރި އައިސް މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އޭނާގެ އިތުރުން ކެޕްޓަން ވިންސެންޓް ކޮމްޕެނީ އަދި ފަނާންޑީނިއޯ ވެސް ވަނީ މެޗުގައި ކުޅެފައެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީ އިން ވަނީ މޮޅު ކުޅުމެއް ދައްކައި ސްޓޯކްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޑޭވިޑް ސިލްވާއެވެ. މި ލަނޑަށް ފަހު ސްޓޯކް އިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް މާއެދެވޭ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މި ހާފުގައި ސިޓީގެ ކުޅުންތެރިންނަށް ވެސް ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދިޔައިރު މި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސިޓީ އިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. އެ ޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް އިތުރު ލަނޑެއް ޖަހާ ލީޑު ދަމަހައްޓާފައެވެ. ގެބްރިއެލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ ސިލްވާއެވެ. ދެވަނަ ހާފުގައި ވެސް ސިޓީއަށް ވަނީ ފުލުފުލުގައި ލީޑު ފުޅާކުރުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

އަމިއްލަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ސިޓީއަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންކުރެވޭނެއެވެ. އެހެން ނަމަވެސް އޭގެ ކުރިން މި މަހުގެ 31 ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗު ވެސް އެ ޓީމުން ކާމިޔާބުކުރަން ޖެހެއެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޗެމްޕިއަނުންނަށް ވުމުގެ ހުރިހާ ވެސް ބާރެއް އޮތީ އަމިއްލަ އަތްމަތީގައި ކަމަށާއި ޔުނައިޓެޑާ ދެކޮޅަށް ތަށި ކާމިޔާބުކުރެވުނު ނަމަވެސް އެކަމުގެ ސަބަބުން އިތުރަށް ލިބޭނެ ހިތްހަމަޖެހުމެއް ނެތް ކަމަށެވެ. އޭނާ ބުނީ ސީޒަނުގެ މިހާތަނަށް އައިއިރު 81 ޕޮއިންޓް ހަމަވެފައިވުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 30 މެޗުން ލިބުނު 81 ޕޮއިންޓާ އެކު ސިޓީ އޮތްއިރު ދެވަނައިގައި 65 ޕޮއިންޓާ އެކު އޮތީ ޔުނައިޓެޑްއެވެ. ތިންވަނައިގައި ޓޮޓެންހަމް އޮތްއިރު ހަތަރުވަނައިގައި އޮތީ ލިވަޕޫލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް