ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 14:56
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޯން
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޯން
މުހައްމަދު ޝަރުހާން
އޭއެފްސީ ކަޕް 2018
ކޮލިފައިވުމުގެ އުއްމީދު ދެމެހެއްޓުމަށް މާދަމާގެ މެޗުން ތިން ޕޮއިންޓް ބޭނުން: އޮސްކާ
މިއީ މި މުބާރާތުގައި ނިއު ކުޅޭ ދެވަނަ މެޗު

އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ކޮލިފައިވުމަށް މާދަމާގެ މެޗުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމު ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޯން ބުނެފިއެވެ.  

މި މުބާރާތުގެ ދެވަނަ މެޗުގައި އިންޑިއާގެ އައިޒޮލް އެފްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޮސްކާ ބުނީ ކުޅުންތެރިން ދައްކަމުންދަނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި އެކަން ދެމެހެއްޓުމަށް މާދަމާގެ މެޗު ކާމިޔާބުކުރުން މުހިންމު ކަމަށެވެ. ހަމައެހެންމެ އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބިރު ނުގަންނަ ކަމަށާއި އަމާޒަކީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުން ކަމަށް ވެސް އޮސްކާ ބުނެފައިވެއެވެ.

އޮސްކާ ބުނީ ބެންގަލޫރު އެފްސީއަކީ ކިތަންމެ ބޮޑު ޓީމެއް ނަމަވެސް އޭނާ ފެވަރިޓުންގެ ގޮތުގައި އޭނާ ދެކެނީ ނިއު ކަމަށެވެ. އެއްވެސް ޓީމެއް ދެކެ ބިރު ނުގަންނަ ކަމަށާއި ކޮންމެ ޓީމަކާއި ވާދަކުރުމުގެ ފެންވަރު ވެސް ނިއުގައި އެބަހުރި ކަމަށް އޮސްކާ ބުނެފައިވެއެވެ. އޭނާ ބުނީ ހަމައެކަނި މުބާރާތުގައި ވާދަކުރެވުމުން ނިމުނީ ނޫން ކަމަށާއި ބޭނުންވަނީ މޮޅު ކުޅުމެއް ދެއްކުމަށް ފަހު ކޮލިފައިވުން ކަމަށެވެ. ހަމައެހެންމެ ކިތަންމެ ކުޑަ ޓީމެއް ނަމަވެސް މެޗުން ނަތީޖާ ނެރެވޭނަމަ އެ ޓީމަކީ ފެވަރިޓެއްގެ ގޮތުގައި ބެލޭނެ ޓީމެއް ކަމަށް ވެސް އޮސްކާ ބުނެފައިވެއެވެ.

ނިއުގެ ވައިސް ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ބުނީ ސަރަހައްދީ މެޗެއް ކުޅޭއިރު ސަޕޯޓަރުންގެ ސަޕޯޓު ވަރަށް މުހިންމު ކަމަށާއި މާދަމާގެ މެޗުގައި އެ ޓީމަށް ސަޕޯޓު ކުރުމަށް ވީހާވެސް ގިނަ މީހުން ދަނޑަށް ވަނުމަށް އެދޭ ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޑާކާ އަބްހާނީ އަތުން ރަށުން ބޭރުގައި ނިއު މޮޅުވިއިރު އައިޒޮލް އެފްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް