ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާ ދެކޮޅަށް ހެކިބަސް ދިން ސިއްރު ހެއްކަށް މަޖުބޫރުކުރުވި ފަރާތް ޖަލަށް ލައި، އެ ފަރާތާ ދެކޮޅަށް ދައުވާ ކުރަން ޖެހޭ ކަމަށް، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބޭއްވި ފާރިސްގެ އަޑު އެހުމުގައި ސިއްރު ހެއްކެއްގެ ގޮތުގައި ފާރިސްއާ ދެކޮޅަށް ހެކިބަސް ދެއްވުމަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހެކި ބަސް ދެއްވާފައިވަނީ ފާރިސް ރިޝްވަތު ނުދެއްވާ ކަމަށެވެ. ފާރިސް ހައްޔަރުކޮށް ޖަލުގައި ބަންދު ކުރީ އޭނާ ރިޝްވަތު ދެއްވި ކަމަށް ކުރެވޭ ތުހްމަތާ ގުޅިގެން ކަމަށާއި ރިޝްވަތު ނުދެއްވާ ކަމަށް ހެކި ވިދާޅުވުމުން މުޅި މައްސަލައިގެ އަސާސް ގެއްލިފައިވާ ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވި އެވެ.
Dhaulathge faraathun hekibas dheyn “sirru hekkah” majboor kuruvi faratheh hoadha @afarismaumoon ge massalaige shariyaiy nimendhen efaraatheh jalugai baindhan jehey. Adhi egothah majboor kuruvi faraatheh thahqeeq koh hekkah nufooz foaruvumuge dhawwa Dhaulathun kuran jeheyne!
— Mariya Didi (@MariyaDidi) March 13, 2018
ގާނޫނީ ވަކީލް މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ދައުލަތުގެ ފަރާތުން ހެކިބަސް ދޭން ސިއްރު ހެއްކަކަށް މަޖުބޫރު ކުރުވި ފަރާތެއް ހޯދައި، ފާރިސްގެ ޝަރީއަތް ނިމެންދެން އެ ފަރާތެއް ޖަލުގައި ބައިންދަންޖެހޭ" ކަމަށާއި "އަދި އެގޮތަށް މަޖުބޫރު ކުރުވި ފަރާތެއް ތަހްގީގުކޮށް ހެއްކަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ދައުލަތުން ކުރަންޖެހޭ" ކަމަށެވެ.
ފާރިސް ފުރަތަމަ ޖަލަށް ލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހްމަތުކޮށެވެ. މިކަމާ ގުޅިގެން ފުލުހުންނަށް ހެއްކެއް ލިބިފައި ނުވާއިރު، ފާރިސްގެ ބަރުލަމާނީ ހައްގުތައް ވަނީ ގެއްލިގެން ގޮސްފަ އެވެ.
ފާރިސްގެ ދައުވާގެ އަސާސް ގެއްލިފައިވާ ކަމަށް ވަކީލުން ވިދާޅުވި ނަމަވެސް، ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވި އެވެ. އެގޮތުން މިއަދުގެ މައްސަލައިގެ އަޑުއެހުމަށް ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.