އެސްޓީއޯ މާލޭ ލީގުގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާއިން ކުރި ހޯދައިފިއެވެ.
މި މެޗުން މާޒިޔާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ މާޒިޔާއިންނެވެ. މި ހާފުގައި އެއްވެސް ލަނޑެއް ފެނިފައި ނުވިނަމަވެސް މާޒިޔާގެ ނާއިޒް ހަސަން (ދާދު) އަދި އެ ޓީމުގެ ބިދޭސީ ފޯވާޑް ސްޓެވާޓަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި މާޒިޔާއިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިސްމާއިލް އީސަ (މެސީ) އެވެ. އެ ޓީމުގެ ދެވަނަ ލަނޑު އޭގެ މިނެޓެއް ފަހުން އެ ޓީމަށް ޖަހައިދިނީ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.
މި މެޗުން މޮޅުވެ މާޒިޔާ ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތަރު ވަނަ މަގާމަށް ޖެހިލާފައެވެ. ވެލެންސިއާ އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ލިބުނު އެންމެ ޕޮއިންޓަކާއެކު ހަތް ވަނައިގައެވެ.