ބްރެޒިލްގެ ގްރޭމިއޯއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު އާތުރު ހެންރިކޭ ރާމޯސް ބާސެލޯނާއަށް ސޮއިކޮށްފިއެވެ.
އުމުރުން 21 އަހަރުގެ މިޑްފީލްޑަރުގެ ފަރާތުން މިދިޔަ އަހަރު ފެނުނު ކުޅުމާއި ގުޅިގެން އޭނާ ހޯދުމަށް ބާސާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިދިޔަ ސީޒަނުގެ ކޮޕާ ލިބެރެޓޯޑަސްގެ ފައިނަލްގައި ގްރޭމިއޯ ކުޅުނުއިރު އާތުރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ހަމައެހެންމެ އެ މުބާރާތުގެ ފައިނަލްއިން އެ ޓީމު މޮޅުވިއިރު އާތުރު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗަށް ފަހު ބާސާގެ ޖާޒީއެއް ހިފަހައްޓާލައިގެން ހުރެ އާތުރު ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެގެން ވެސް ދިޔައެވެ.
ބާސާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ އާތުރު ގެނައުމަށް އެއްބަސްވުމަކަށް އާދެވެފިކަން ކަށަވަރުކޮށްދީފައެވެ. އެ ކްލަބްގެ ވެބްސައިޓުގައި ނެރެފައިވާ ބަޔާނެއްގައި ވަނީ މި އަހަރުގެ ޖުލައި މަހު އޭނާ ބާސާއާ ގުޅޭނެ ކަމަށާއި އޭނާ ބާސާއަށް ގެންނަނީ 30 މިލިއަން ޔޫރޯގެ ފީއަކަށް ކަމަށެވެ. ހަމައެހެންމެ ބޯނަސްގެ ގޮތުގައި ގްރެމިއޯއަށް ނުވަ މިލިއަން ޔޫރޯ ދިނުމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން އޭނާގެ ޖުމްލަ ފީއަކީ 39 މިލިއަން ޔޫރޯކަމަށް ބާސާއިން ބުނެފައިވެއެވެ.
މިއަހަރުގެ ޖުލައި މަހާ ހަމަޔަށް އޭނާ ދެމިހުންނާނީ ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައެވެ. ބްރެޒިލްގެ ގައުމީ ޓީމުން ވެސް އާތުރު އަންނަނީ ޖާގަ ހޯދަމުންނެވެ. އެހެން ނަމަވެސް އޭނާއަށް މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބިފައެއް ނުވެއެވެ. އާތުރުގެ މޮޅު ކުޅުމާއި ގުޅިގެން އޭނާއަކީ އިނިއެސްޓާއާ އެއް ފެންވަރުގެ ކުޅުންތެރިޔަކަށް ވާނޭ ކުޅުންތެރިޔެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ގްރޭމިއޯއަށް ކުޅުނު 51 މެޗުގައި އޭނާ ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ ސީޒަނުގެ ބްރެޒިލް ލީގުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަށް ހޮވުނު ކުޅުންތެރިޔާވެސްމެއެވެ.