އެޓްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެ ކްލަބް ދޫކޮށް ވާދަވެރި ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކައް ބަހެއް ބުނުމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ދެކޮޅު ހަދައިފިއެވެ.
އަންނަ ސީޒަނުގައު ގްރީޒްމަން ފެނިގެންދާނީ ބާސާއިން ކަމަށް ގިނަ މީޑީއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ހަމައެހެންމެ އެ ކްލަބާއެކު ގްރީޒްމަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެޓްލެޓިކޯ އެންމެ ފަހުން ލަލީގާގައި ޖެހި 11 ލަނޑުގެ ތެރެއިން އަށް ލަނޑު ޖަހާފައިވަނީ ގްރީޒްމަންއެވެ.
އެ ޓީމު އެންމެފަހުން ކުޅުނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސިމިއޯނޭ ބުނީ ވާހަކަ ދައްކަން ޖެހޭނީ ހަގީގަތަކަށް ކަމަށާއި މިއަދު އޭނާއަކީ އެ ޓީމަށް ކުޅޭ ކުޅުންތެރިޔެއް ކަމަށެވެ. ހަމައެހެންމެ އޭނާއަކީ ތަފާތު މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިޔެއް ކަމަށާއި އޭނާ އާއި ސަޕޯޓަރުންނާ ދެމެދު ވެސް ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށެވެ. އޭނާ ބުނީ ހަގީގަތަކީ މިހާރު އޭނާއަކީ އެޓްލެޓިކޯއަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި މުސްތަގުބަލުގައި ވާނެ ގޮތެއް އެއްވެސް ވަރަކަށް ނޭނގޭ ކަމަށެވެ. މީގެކުރިން ދިން އިންޓަވިއުއެއްގައި ސިމިއޯނޭ ބުނެފައިވަނީ ގްރީޒްމަން އެހެން ޓީމަކަށް ބަދަލުވާން ބޭނުންވާނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށެވެ.
އެ ކްލަބްގެ ޗީފް އެގްޒެކްޓިވް ވިދާޅުވީ ފިނި މޫސުމުގެ ޓްރާންސްފާގައި ވިޔަސް ނުވަތަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް އޭނާ އެހެން ކްލަބަކަށް ވިއްކާލުމުގެ ހިޔާލެއް ނެތް ކަމަށާއި އޭނާއަކީ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާއާ އެކު އެ ކްލަބަށް ވެސް ކާމިޔާބު ހޯދިފައިވާ ކަމަށާއި އުއްމީދަކީ އޭނާއާ އެކު އަދިވެސް އިތުރު ކާމިޔާބު ހޯދުން ކަމަށް މިގުއެލް ވިދާޅުވިއެވެ. ހަމައެހެންމެ އޭނާގެ އަގަކީ 200 މިލިއަން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒްފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޓްލެޓިކޯ އިން ވަނީ އެ ކްލަބުގެ ހުއްދަ ހޯދުމަކާއި ނުލައި އެ ކްލަބުގެ ވާދަވެރި ބާސެލޯނާއިން ގްރީޒްމަންއާ މަޝްވަރާކުރި ކަމަށް ބުނެ އެ މައްސަލަ ފީފާއަށް ހުށަހަޅާފައެވެ. ބާސާގެ ޑިރެކްޓަރު ވެސް ވަނީ މިފަދަ ކަމެއް ހިނގާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. އެޓްލެޓެކޯއިން މިފަދަ މައްސަލައެއް ހުށަހެޅިކަމަށް ފީފާއިން ކަށަވަރުކޮށްދިން ނަމަވެސް އެ މައްސަލައިގައި ބާސާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު195 މެޗުގައި 104 ލަނޑު ޖަހަދީފައެވެ.