ކ. މާލެ
|
12 މާރޗް 2018 | ހޯމަ 15:59
ޔުވެންޓަސްގެ ކޯޗު އަލެގްރީ
ޔުވެންޓަސްގެ ކޯޗު އަލެގްރީ
ގެޓީ އިމޭޖަސް
މަސިމިލިއާނޯ އަލެގްރީ
ޗެމްޕިއަންސް ލީގުގެ ފެވަރިޓުންނަކީ ރެއާލް: އަލެގްރީ
ރެއާލްއިން ވަނީ 12 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައި
މިދިޔަ އަހަރުގެ ފައިނަލްގައި ޔުވެންޓަސް ބަލިވީ ރެއާލް އަތުން

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފެވަރިޓުންނަކީ ސްޕެއިންގެ ރެއާލް މެޑްރިޑް ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާއިން މިހާތަނަށް ޖާގަ ހޯދި ހަތަރު ޓީމުގެ ތެރޭގައި ރެއާލް އަދި އަލެގްރީގެ ޔުވެންޓަސް ވެސް ހިމެނެއެވެ. ފްރާންސްގެ ވަރުގަދަ ޕީއެސްޖީ ބަލިކުރުމަށް ފަހު ރެއާލް ކުއާޓާއަށް ދަތުރުކުރިއިރު ޔުވެންޓަސް ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ އުނދަގޫތަކަކަށް ފަހު އިނގިރޭސިވިލާތުގެ ޓޮޓެންހަމް ބަލިކޮށްގެންނެވެ.

އާދީއްތަ ދުވަހު އިޓާލިއަން ސެރީއޭގައި އުދިނޭޒީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އަލެގްރީ ބުނީ ކުއާޓާގައި ބާސާ އަދި ރެއާލްއާ ދެކޮޅަށް ވެސް ކުޅެން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ މި ސީޒަނުގެ ވެސް ފެވަރިޓުންނަކީ ރެއާލް ކަމަށް ގަބޫލުކުރާ ކަމަށާއި އެ ޓީމުގެ ފޯކަސް މިވަގުތު އޮތީ ހަމައެކަނި ޗެމްޕިއަންސް ލީގަށް ކަމަށެވެ. ހަމައެހެންމެ ޗެމްޕިއަންސް ލީގުގައި ރެއާލްއިން އަބަދުވެސް އެންމެ މޮޅު ކުޅުން ދައްކާ ކަމަށާއި އެ ޓީމުން އަބަދުވެސް މެޗުން މޮޅުވާނެ ގޮތެއް ހޯދާ ކަމަށެވެ.

އަލެގްރީ މިހެން ބުނެފައިވާއިރު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޔުވެންޓަސް ބަލިވީ ރެއާލް އަތުންނެވެ. ޔުވެންޓަސްގެ މައްޗަށް ރެއާލްއިން ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. ބާސާއާ ކުރިމަތިލާން ބޭނުންނުވާ ކަމަށް އަލެގްރީ ބުނެފައިވާއިރު ބާސާއަށް ކުއާޓާގެ ޖާގައެއް ލިބެންއޮތީ އަމިއްލަ ދަނޑުގައި އިނގިރޭސި ޗެމްޕިއަނުން ކަމަށްވާ ޗެލްސީއާ އެއްވަރުކޮށްގެން ނުވަތަ ޗެލްސީ އަތުން މޮޅުވެގެންނެވެ. އެ ދެ ޓީމު ޗެލްސީގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރެއާލްއަކީ ޗެމްޕިއަންސް ލީގުގެ ފެވަރިޓުން ކަމަށް އަލެގްރީ ބުނެފައިވާއިރު އެ ޓީމަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް އެ ޓީމުން ވަނީ ނޮކްއައުޓް ބުރުތަކުގައި އެކަމަށް ހައްލެއް ހޯދާފައެވެ. ހަމައެހެންމެ މި ސީޒަނުގެ ޗެމްޕިއަންސް ލީގު އެ ޓީމުން ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ޖެހިޖެހިގެން ތިން ސީޒަނުގައި އެ މުބާރާތް ކާމިޔާބު ކުރެވޭނެއެވެ. ހަމައެހެންމެ މި ސީޒަނުގެ މުބާރާތް ރެއާލްއިން ކާމިޔާބުކޮށްފިނަމަ އެ ޓީމުގެ ރެކޯޑު 13 ތަށްޓަށް އިތުރުވެގެންދާނެއެވެ. މި އަދަދާއި އެއްވަރަށް އެހެން އެއްވެސް ޓީމަކަށް ތަށި ހޯދިފައެއްނުވެއެވެ.

 

- ކޮމެންޓް