ކ. މާލެ
|
12 މާރޗް 2018 | ހޯމަ 15:57
މި މެޗުގައި އެޓްލެޓިކޯއަށް ލަނޑު ޖަހައިދިން ގްރީޒްމަން
މި މެޗުގައި އެޓްލެޓިކޯއަށް ލަނޑު ޖަހައިދިން ގްރީޒްމަން
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: އެޓްލެޓިކޯ ދެވަނަ މަގާމުގައި ހަމަޖެހިލައިފި
ސެލްޓަގެ މައްޗަށް އެޓްލެޓިކޯ ކުރިހޯދީ 3-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެޓްލެޓިކޯއިން ތާވަލުގެ ދެވަނަ މަގާމުގައި ހަމަޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ސެލްޓަގެ މައްޗަށް އެޓްލެޓިކޯ ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާ  ރަށުން ބޭރުގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު ތާވަލުގެ ކުރިޔަށް ޖެހުމަށް އެޓްލެޓިކޯއިން ކުރަމުން އައި މަސައްކަތްތަކަށް ހުރަސްތަކަކާއި ކުރިމަތިވެގެންދިޔައެވެ. މިދިޔަ ހަފްތާގައި ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށް ޔުރޮޕާ ލީގުގައި ކުޅުނު އެޓްލެޓިކޯގެ ޓީމަށް ފަސް ބަދަލެއް މި މެޗުގައި ގެނެސްފައިވެއެވެ. އެގޮތުން ޔާން އޮބްލަކް އާއި ޑިއޭގޯ ގޯޑިން އާއި ވިޓޯލޯ އަދި ގެބީ ވަނީ މި މެޗުގައި ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. އެޓްލެޓިކޯއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު އެ ޓީމުން ވަނީ ސެލްޓަގެ ގޯލަށް ނުރައްކާކުރުމަށް ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. ސެލްޓަގެ ކުޅުންތެރިން ވެސް ވަނީ ކައުންޓާ އެޓޭކުގައި އެޓްލެޓިކޯގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެޓްލެޓިކޯގެ ޑިފެންސުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 44 ވަނަ މިނެޓުގައެވެ. އުރުގުއޭގެ ޑިފެންޑަރު ޖިމޭނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އެޓްލެޓިކޯއަށް ލީޑު ނަގައިދިނީ ގްރީޒްމަންއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އެޓްލެޓިކޯއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ހާފުގައި ސެލްޓަގެ ކުރިޔަށް ކުޅުނު ކުޅުންތެރިންނަށް ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. އެޓްލެޓިކޯގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 56 ވަނަ މިނެޓުގައެވެ. ގްރީޒްމަންގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ވިޓޯލޯއެވެ. އޭގެ ހަތް މިނެޓު ފަހުން އެޓްލެޓިކޯގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އާޖެންޓީނާގެ ޒުވާން ފޯވާޑް އެންހެލް ކޮރޭއާއެވެ. މި ލަނޑަށް ފަހު ވެސް އެޓްލެޓިކޯއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 28 މެޗުން ލިބުނު 72 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު ދެވަނައިގައި 64 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑްއެވެ. ތިންވަނައިގައި 57 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު ހަތަރު ވަނައިގައި 56 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް