ބުންޑެސްލީގާގައި ވަރުގަދަ ބަޔާން މިއުނިކް ކުޅުނު މެޗުން އެ ޓީމު މޮޅުވިއިރު ރޮބަޓް ލެވަންޑޯސްކީ ރެކޯޑު ހަދައިފިއެވެ.
އަމިއްލަ ދަނޑުގައި ހެމްބާގްއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ފްރެއިބާގް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވި ބަޔާންގެ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިޔަކު މި މެޗުގައި ކުޅެފައިނުވާއިރު އެ ކުޅުންތެރިންގެ ބަދަލުގައި ފުރުސަތު ދީފައިވަނީ ހަވީ މާޓިނޭޒް އާއި އާޔެން ރޮބެން އަދި ފްރޭންކް ރިބެރީގެ އިތުރުން ރޮބަޓް ލެވަންޑޯސްކީއަށެވެ.
ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި ޖަހައިދިނީ ރިބެރީއެވެ. އޭގެ ހަތަރު މިނެޓު ފަހުން ބަޔާންގެ ލީޑު އިތުރަށް ފުޅާވެގެންދިޔައީ ލެވަންޑޯސްކީ ޖަހައިދިން ލަނޑުންނެވެ. ބަޔާންއިން ވަނީ މެޗުގެ 19 މިނެޓު ނުހިނގަނީސް ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ޖެހީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލެވަންޑޯސްކީއެވެ. މި ހާފުގައި ބަޔާންގެ ލީޑު ފުޅާކުރުމަށް އެ ޓީމަށް އިތުރު ފުރުސަތުތައް ލިބުނުއިރު އެ ޓީމަށް މި ހާފުގައި އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ ބަޔާންއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް މޮޅު ކުޅުމެއް ދައްކާފައެވެ. ބަޔާންގެ ހަތަރު ވަނަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ރޮބެންއެވެ. ތަކުރާރުކޮށް ބަޔާންއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ރިބެރީއެވެ. މެޗުގެ 90 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މެޗުގައި ޖެހި ތިން ލަނޑާއެކު ލެވަންޑޯސްކީ ވެގެންގޮސްފައިވަނީ ބަޔާންގެ ތާރީހުގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިން ޖަރުމަނަށް ނިސްބަތްނުވާ ކުޅުންތެރިޔާއަށެވެ. ލެވަންޑޯސްކީ ވަނީ ބަޔާންއަށް މިހާތަނަށް ކުޅުނު 182 މެޗުގައި 141 ލަނޑު ޖަހާފައެވެ.
ބަޔާންގެ ކޯޗު ޖުޕް ހެއިންކޭސް ބުނީ މެޗުގައި ރަނގަޅު ފެށުމެއް ލިބުމަކީ މޮޅުވާން ލިބުނު އިތުރު ހިތްވަރެއް ކަމަށާއި މުޅި މެޗުގައި ވެސް އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ހަމައެހެންމެ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ބެސިކްޓަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މެޗަކުން މޮޅުވުމަކީ އެ މެޗު ކާމިޔާބުކުރުމަށް ލިބޭ އިތުރު ބާރެއް ކަމަށެވެ.
ބުންޑެސްލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 26 މެޗުން ލިބުނު 66 ޕޮއިންޓާއެކު ބަޔާން އޮތްއިރު ދެވަނައިގައި 46 ޕޮއިންޓާއެކު އޮތީ ޝާލްކޭއެވެ. ތިންވަނައިގައި 44 ޕޮއިންޓާއެކު ބަޔާ ލެވަކޫސެން އޮތްއިރު ހަތަރު ވަނައިގައި 42 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމަންޑްއެވެ.