ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 15:55
ޕީއެސްޖީ އަދި މެޓްޒް ބައްދަލުކުރި މެޗުގެ ތެރެއިން
ޕީއެސްޖީ އަދި މެޓްޒް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ފްރެންޗް ލީގު: ޕީއެސްޖީގެ ލީޑު 14 ޕޮއިންޓަށް ފުޅާކޮށްފި
މެޓްޒްް އަތުން ޕީއެސްޖީ މޮޅުވީ 5-0 ގެ ނަތީޖާއަކުން

ފްރެންޗް ލީގުގެ ކުރީގައި ވަރުގަދަ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަށް ލިބިފައިވާ ލީޑު އެ ޓީމުން 14 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ޕީއެސްޖީއިން އެ ޓީމަށް ލިބިފައިވާ ލީޑު ފުޅާކުރީ އަމިއްލަ ދަނޑުގައި މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ރެއާލް މެޑްރިޑް އަތުން އަމިއްލަ ދަނޑުގައި ބަލިވި ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ހިމެނުނު ފަސް ކުޅުންތެރިޔަކަށް މި މެޗުގައި ފުރުސަތު ދީފައެއް ނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ފުރުސަތު ދީފައިވަނީ ބެންޗު ޓީމުގައި ހިމެނޭ ކުޅުންތެރިންނަށެވެ. ޕީއެސްޖީ ލީގު ކާމިޔާބުކުރުމަށް ބޭނުންވާނަމަ އެ ޓީމުން ކުރިޔަށްހުރި މެޗުތަކުގައި 16 ޕޮއިންޓް ހޯދަންޖެހެއެވެ.

ފުރަތަމަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް ޕީއެސްޖީއިން ވަނީ މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް މިއުނިއާއެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ކްރިސްޓަފާ ކުންކޫއެވެ. އޭގެ އަށް މިނެޓު ފަހުން ކުންކޫ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި ޕީއެސްޖީގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއެވެ.

ހަތަރު ލަނޑުގެ ލީޑެއްގައި އޮވެ ޕީއެސްޖީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި ހާފުގައި ކްރިސްޓަފާ ކުންކޫއަށް ހެޓްރިކް ހެދުމަށް ފުރުސަތު ލިބުނުއިރު އޭނާއަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއްނުވެއެވެ. ހަމައެހެންމެ މެޓްޒްގެ ކީޕރުގެ ފަރާތުން ވަނީ މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ. ޕީއެސްޖީގެ ފަސްވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކޯނަރަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ތިއާގޯ ސިލްވާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ބުނީ މިދިޔަ އަންގާރަ ދުވަހު ބަލިވި މެޗުގެ ހަނދާންތައް ނައްތާލުމަށް މި މެޗުން މޮޅުވުން ވަރަށް މުހިންމު ކަމަށާއި އެކަން ކާމިޔާބުކުރެވުމުން ވަރަށް މުހިންމު ކަމަށެވެ. އޭނާ ބުނީ ލީގުގައި ހޯދަމުންދިޔަ މޮޅުތައް ހޯދުމަށް ވެސް މި މެޗު ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށެވެ. އޭނާ ބުނީ ފުރުސަތުތަކުގޭ ބޭނުން ފޯވާޑުން ހިފުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިގޮތަށް ކުރިޔަށް ގެންގޮސްފިނަމަ ލީގު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފްރެންޗް ލީގުގެ އެއްވަނައިގައި ކުޅުނު 29 މެޗުން ލިބުނު 77 ޕޮއިންޓާއެކު ޕީއެސްޖީ އޮތްއިރު ދެވަނަގައި 63 ޕޮއިންޓާއެކު އޮތީ މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމަށްވާ މޮނާކޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް