ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 14:55
އެއިބާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ލަނޑު ޖަހަނީ
އެއިބާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ލަނޑު ޖަހަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ރޮނާލްޑޯގެ ދެ ލަނޑުން ރެއާލް މޮޅުވެއްޖެ
އެއިބާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި އެއިބާއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އެއިބާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ އެގާރައިން ފެނުނު ހަތަރު ކުޅުންތެރިޔަކު މި މެޗުގައި ފެނިގެންގޮސްފައެއް ނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި މި މެޗުގައި ފެނިގެން ގޮސްފައިވަނީ އިސްކޯ އާއި މޮޑްރިޗް އަދި ކްރޫސްގެ އިތުރުން ގެރެތް ބޭލްއެވެ. މި މެޗުން ރެއާލް ބަލިވިނަމަ އެ ޓީމަށް ޕޮއިންޓް ތާވަލުގެ ތިންވަނަ މަގާމު ގެއްލޭނެއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 34 ވަނަ މިނެޓުގައި ރެއާލްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑަށް ފަހު އެއިބާއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް ވަނީ އެއްވަރުކުރުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ރެއާލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެއިބާއިން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ޕެޑްރޯ ލިއޯންގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ އިވާން ރާމިސްއެވެ. މި ލަނޑަށް ފަހު މެޗުގެ ފޯރި ގަދަވެގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާ އުފައްދާފައެވެ. މި މެޗުން ރެއާލްއަށް ތިން ޕޮއިންޓް ކަށަވަރު ވެގެންދިޔައީ މެޗުގެ 84 ވަނަ މިނެޓުގައި ޑެނީ ކަވަހާލްގެ އެހީތެރިކަމާއެކު ރޮނާލްޑޯ ޖަހައިދިން ލަނޑާއެކުއެވެ.

ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ވެލެންސިއާއިން ވެސް ވަނީ ހަތަރު ވަނަ މަގާމުގައި ހަމަޖެހިލާފައެވެ. މި މެޗުގައި ވެލެންސިއާއިން ޖެހި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ސްޕެއިންގެ ފޯވާޑް ރޮޑްރިގޯއެވެ. ލެވަންޓޭ ވެސް ވަނީ ރަށުން ބޭރުގައި 1-0 އިން ގެޓާފޭ ބަލިކޮށްފައެވެ. މި މެޗުގައި ލެވަންޓޭއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ކޯކްއެވެ.

ސްޕެނިޝް ލީގުގައި ކުޅުނު 28 މެޗުން ލިބުނު 57 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ރެއާލް އޮތްއިރު ވެލެންސިއާ އޮތީ 56 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ހަމައެހެންމެ 45 ޕޮއިންޓާއެކު ފަސްވަނައިގައި އޮތީ ސެވިއްޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް