އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީއިން ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި މެންޗެސްޓާ ސިޓީ އަތުން ބަލިވި ޗެލްސީގެ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިޔަކަށް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައިނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ފުރުސަތު ދީފައިވަނީ ގެރީ ކޭހިލް އާއި އޮލިވިއާ ޖިރޫގެ އިތުރުން ޑަވިޑޭ ޒަޕަކޮސްޓާއަށެވެ. ހަމައެހެންމެ އަނިޔާއިން އެނބުރި އައިސް އެންގޯލޯ ކަންޓޭ ވެސް ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. މި މެޗާއި ޗެލްސީއިން ކުރިމަތިލިއިރު އެ ޓީމު އެންމެފަހުން ޕެލަސްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެއް ނުވެއެވެ.
ފުރަތަމަ ހާފު ފެށިގެން ޗެލްސީއިން ވަނީ ޕެލަސްގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ކައުންޓާގައި އެޓޭކް ކުރުމަށް ވިސްނައިގެން ކުޅުނު ޕެލަސްގެ ޓީމުގެ ގޯލު ޗެލްސީއަށް މެޗުގެ 25 ވަނަ މިނެޓުގައި ހުޅުވައިދިނީ ބްރެޒިލްގެ ވިންގަރ ވިލިއަންއެވެ. އޭގެ ހަތް މިނެޓު ފަހުން ޗެލްސީގެ ލީޑު އިތުރަށް ފުޅާވެގެން ދިޔައީ މެޗުގެ 32 ވަނަ މިނެޓުގައި މާޓިން ކެލީ އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ. މި ލަނޑަށް ފަހުވެސް ޗެލްސީގެ ފޯވާޑް އޮލިވިއާ ޖިރޫއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ޗެލްސީއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ޕެލަސްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. މި ހާފުގައި ޕެލަސްއިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފެއްދުމަށް މަސައްކަތްކޮށްފައެވެ. ހަމައެހެންމެ ޗެލްސީގެ ވިލިއަން އަދި އެޑެން ހަޒާޑް ވެސް ވަނީ ޕެލަސްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މި މެޗުގައި ޕެލަސްގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ވިލްފްރީޑް ޒަހާގެ އެހީތެރިކަމާއެކު އެ ޓީމަށް ޖަހައިދިނީ ޕެޓްރިކް ވެން އާންހޯލްޓްއެވެ.
ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އެވަޓަން ވަނީ 2-0 އިން ބްރައިޓަން ބަލިކޮށްފައެވެ. ހަޑާސްފީލްޑް އަދި ސްވަންސީ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ނިއުކާސަލް ވަނީ 3-0 އިން ސައުތުހެމްޕްޓަން ބަލިކޮށްފައެވެ. ރަށުން ބޭރުގައި 4-1 އިން ލެސްޓާއިން ވަނީ ވެސްޓްބްރޮމް ބަލިކޮށްފައެވެ. ހަމައެހެންމެ ބާންލީއިން ވެސް ވަނީ 3-0 އިން ވެސްޓް ހަމް ބަލިކޮށްފައެވެ.
ކުޅުނު 30 މެޗުން ލިބުނު 56 ޕޮއިންޓާއެކު ޗެލްސީއަށް ޕޮއިންޓް ތާވަލުގެ ފަސްވަނަ ލިބޭއިރު 27 ޕޮއިންޓާއެކު ޕެލަސް އޮތީ 18 ވަނައިގައެވެ.