ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 13:56
ޔުނައިޓެޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޔުނައިޓެޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ލިވަޕޫލް ބަލިކޮށް ޔުނައިޓެޑް ދެވަނައިގައި ހަމަޖެހިލައިފި
ލިވަޕޫލް އަތުން ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑްއިން ތާވަލުގެ ދެވަނައިގައި ހަމަޖެހިލައިފިއެވެ.

މި ދެ ޓީމުގެ މެދުގައި ކުޅެވުނު 200 ވަނަ މެޗު ޔުނައިޓެޑްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ މިޑްފީލްޑުން ޕައުލް ޕޮގްބާއަށް ފުރުސަތު ދީފައިނުވާއިރު އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅުނީ ޒުވާން މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭއެވެ. ހަމައެހެންމެ އެރިކް ބަޔީ އަދި ހުއާން މަޓާ ވެސް ވަނީ މެޗުގެ ފުރަތަމ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ލިވަޕޫލްގެ ޓީމުން ފެނުނު ހަމައެކަނި ބަދަލަކީ އަނިޔާގެ ސަބަބުން ޖޯޑަން ހެންޑަސަން މެޗުގައި ނުކުޅުމެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅެފައިވަނީ ޖޭމްސް މިލްނާއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ލިވަޕޫލްއިން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑްއިންނެވެ. އެ ޓީމަށް މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑްއެވެ. މި ލަނޑަށް ފަހު ލިވަޕޫލްއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާއިރު އޭގެ 10 މިނެޓު ފަހުން ރަޝްފޯޑް ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހާ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗު އިތުރަށް ފޯރިގަދަ ވެގެންދިޔައީ މެޗުގެ 66 ވަނަ މިނެޓުގައި އެރިކް ބަޔީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ލިވަޕޫލްއަށް ނަތީޖާގެ ފަރަގު ކުޑަވެގެން ދިޔުމާއެކުއެވެ. ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައިރު އެއްވެސް ޓީމަކަށް ނަތީޖާ ބަދަލުކޮށްލެވިފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ކުޅުނު 30 މެޗުން ލިބުނު 65 ޕޮއިންޓާއެކު ޔުނައިޓެޑަށް ދެވަނަ ލިބޭއިރު ލިވަޕޫލް އޮތީ ކުޅުނު 30 މެޗުން ލިބުނު 60 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

 

- ކޮމެންޓް