ބަޔާން މިއުނިކާ އެކު ހަދާފައިވާ ކޮންޓްރެކްޓް ޖަރުމަނުގެ ޒުވާން ޑިފެންޑަރު ޖޯޝުއާ ކިމިޗް އާކޮށްފިއެވެ.
ކިމިޗްގެ ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް ހަމާވާން އޮތް ނަމަވެސް އޭނާ ވަނީ އެ ޓީމުގެ ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އާކޮށްފައެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ނިޔަލަށް ބަޔާންގެ ކުޅުންތެރިއެއްގެ ގޮތުގައި ކިމިޗް ދެމިހުންނާނެއެވެ.
ކޮންޓްރެކްޓް އާކުރުމަށް ފަހު ބަޔާންގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކިމިޗް ބުނީ ކޮންޓްރެކްޓް އާކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިކަމުން ވެސް ދައްކުވައިދެނީ ކްލަބުން އޭނާގެ ހިދުމަތުގެ އަގުވަޒަން ކުރާކަން ކަމަށެވެ. އަދި ބަޔާންގެ މުސަގުބަލުގައި މުހިންމު ދައުރެއް އަދާކުރުމުގެ ފުރުސަތު ޓީމުން ފަހިކޮށްދީފައިވާ ކަމަށާއި މިއީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ވެސް ކިމިޗް ބުނެފައި ވެއެވެ. އޭނާ ބުނީ ގައުމީ ޓީމުގައި ވެސް އޭނާގެ ރޯލު މިކަމުގެ ސަބަބުން ބޮޑުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އެންމެ މަތީ ފަންތީގެ ކުރިއެރުން ބަޔާނުގައި ހުރެގެން ލިބޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ކިމިޗް ބުނީ އޭނާގެ އަމާޒަކީ ކްލަބުގައި މުހިންމު ދައުރެއް އަދާކުރުން ކަމަށާއި ބަޔާނަށް ކާމިޔާބު ހޯދައިދޭން އޭނާގެ ބާރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ކިމިޗް ބުނެފައި ވެއެވެ. މިޑްފީލްޑަރެެއްގެ ގޮތުގައި އެންމެ ފުރަތަމަ ކިމިޗް ކުޅުނު ނަމަވެސް ބަޔާންގެ ގިނަ ކުޅުންތެރިންތަކަށް އިންޖަރީވުމުގެ ސަބަބުން އޭނާގެ ފުރަތަމަ ސީޒަނުގައި ކިމިޗް ކުޅެން ޖެހުނީ ޑިފެންޑަރަކަށެވެ. އަދި އެ މަގާމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ބަޔާންގެ ކެޕްޓަން ފިލިޕް ލާމް ރިޓަޔާ ކުރުމާ އެކު އެ މަގާމު ފުރުމުގެ ޒިންމާ ކިމިޗްއާ ހަވާލުކުރެވުނެވެ.
ބަޔާންގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގާ ބުނީ ކިމިޗްއަކީ އެ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި ވޭތުވެދިޔަ ދެ ސީޒަނުގައި ޓީމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ކިމިޗް ކަމަށެވެ. އަދި ދިގު މުއްދަތެއް ވަންދެން ކިމިޗް އެ ޓީމުގައި މަޑުކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިއީ ބަޔާންގެ މުސްތަގުބަލު އުޖާލާ ވާނެ ކަމުގެ ހެއްކެއް ކަމަށް ވެސް ރުމެނިގާ ބުނެފައިވެއެވެ.
ޖަރުމަނުގެ އާރްބީ ލީޕްޒީގް އިން ކެރިއަރު ފެށި ކިމިޗް ބަޔާން މިއުނިކާ ގުޅިފައި ވަނީ 2015 ވަނަ އަހަރުއެވެ. މިހާތަނަށް ބަޔާނަށް ކުޅުނު 109 މެޗުގައި އޭނާ ވަނީ އެ ޓީމަށް 13 ލަނޑު ޖަހައިދީފައެވެ. ޖަރުމަނުގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކިމިޗް ވަނީ ބަޔާން އާއިއެކު ދެ ފަހަރެއްގެ މަތިން ބުންޑެސްލީގާ ކާމިޔާބު ކޮށްފައެވެ. ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ޖަރުމަނުގެ ސްކޮޑުގައި ވެސް ހިމެނުނު ކިމިޗް ވަނީ މިދިޔަ އަހަރު ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕް އެ ގައުމާއެކު ކާމިޔާބުކޮށްފައެވެ.