ކ. މާލެ
|
10 މާރޗް 2018 | ހޮނިހިރު 19:30
އިނިއެސްޓާއަށް އަނިޔާވެފައި
އިނިއެސްޓާއަށް އަނިޔާވެފައި
ގެޓީ އިމޭޖަސް
ބާސެލޯނާ
ޗެލްސީއާ ދެކޮޅަށް އިނިއެސްޓާއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ
އިނިއެސްޓާއަށް އަނިޔާވީ އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ. 

މިދިޔަ ހޮނިހިރު ދުވަހު އެޓްލެޓިކޯއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ފުރަަމަ ހާފުގެ މެދުތެރެ އިން އިނިއެސްޓާ ވަނީ އަނިޔާވެގެން ބާލާފައެވެ. ބާސާގެ ޑޮކްޓަރުންނާ ހަވާލާދީ އެ ކްލަބުން ބުނެފައި ވަނީ އިނިއެސްޓާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. ހަމައެހެންމެ މި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި މަލާގާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާއަށް ނުކުޅެވޭނެއެވެ. ހަމައެހެންމެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމާމެދު ވެސް ވަނީ ޝައްކު އުފެދިފައެވެ. މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. 

މަލާގާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ އިނިއެސްޓާ ފަރިތަކުރަމުންދަނީ އެހެން ކުޅުންތެރިންނާއި ވަކިން ކަމަށާއި ދެވަނަ ލެގުގެ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމާމެދު ޝައްކު އުފެދިފައިވާ ކަމަށެވެ. ހަމައެހެންމެ އިނިއެސްޓާއަކީ ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި އެހެން ނަމަވެސް އެ މަގާމުގެ ޒިންމާތައް އަދާކުރެވޭނެ އެހެން ކުޅުންތެރިން ސްކޮޑުގައި އެބަތިބި ކަމަށް ވެސް ވަލްވާޑޭ ބުނެފައިވެއެވެ. އެގޮތުން އޭނާ ބުނީ ޑެނިސް ސުއަރޭޒް އާއި ފިލިޕޭ ކުޓީނިއޯ އަދި އަންދްރޭ ގޮމޭޒް އަކީ އިނިއެސްޓާގެ މަގާމަށް ކުޅުމުގެ ހުނަރާއި ގާބިލުކަން ލިބިފައިވާ ކުޅުންތެރިން ކަމަށް ވެސް ވަލްވާޑޭ ބުނެފައިވެއެވެ. 

އިނިއެސްޓާގެ މަގާމު ބާސާގެ ފުރަތަމަ އެގާރާގައި ފުރުމުގެ ފުރުސަތު ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ އަށް ވެސް އެބައޮތެވެ. ޑެމްބެލޭއާ ގުޅޭގޮތުން ވަލްވާޑޭ ބުނީ އޭނާގެ ފަރާތުން ވަރަށް ބޮޑު އުއްމީދުތަކެއް ކުރާ ކަމަށާއި އެނާއަށް މެޗު ކުޅެން ފުރުސަތު ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޑެމްބެލޭއަކީ ކުޅުންތެރިންގެ ކައިރިން ނެއްޓުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެއްކަން ފާހަގަކުރަމުން ވަލްވާޑޭ ބުނީ ތަޖުރިބާ ލިބޭ މިންވަރަކުން އޭނާގެ ފަރާތުން ފެންނަ ކުޅުމުގެ ފެންވަރު މަތިވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. 

ޗެލްސީގެ މެޗުގެ ކުރިން އިނިސްޓާގެ އިތުރުން ބާސާގެ ޑިފެންސްގެ މައި ތަނބު ކަމަށްވާ ޖެރާޑް ޕީކޭއަށް ވެސް ނުކުޅެވޭނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ ޕީކޭގެ އަނިޔާއަކީ މާ ބޮޑު އަނިޔާއެއް ކަމަށް ނުބެލެވޭ ކަމަށާއި އޭނާއަށް މެޗުގައި ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. 

ޗެލްސީ އަދި ބާސެލޯނާ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރެޔެވެ. 

- ކޮމެންޓް