ކ. މާލެ
|
10 މާރޗް 2018 | ހޮނިހިރު 16:55
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
އޭއެފްޕީ
ޕެޕް ގާޑިއޯލާ
ގާޑިއޯލާ ޖޫރިމަނާކޮށް އިންޒާރު ދީފި
އޭނާ ޖޫރިމަނާކޮށްފައި ވަނީ 20،000 ޕައުންޑުން

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޖޫރިމަނާކޮށް އިންޒާރު ދީފިއެވެ. 

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ 20،000 (ވިހި ހާސް) ޕައުންޑުން ގާޑިއޯލާ ޖޫރިމަނާކޮށްފައެވެ. ގާޑިއޯލާ ޖޫރިމަނާކޮށްފައި ވަނީ އެ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ޖާޒީ އާއި އިޝްތިހާރު ކުރުމުގެ ގަވާއިދާ ހިލާފުވުމުންނެވެ. މި ގަވާއިދާ ގާޑިއޯލާ ހިލާފު ވެފައި ވަނީ ސްޕެއިނުން ވަކިވެ މިނިވަން ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރަމުން އަންނަ ކެޓަލޯނިއާގެ މިނިވަންކަން ރަމްޒުކޮށްދޭ ރީނދޫ ރިބަން ކޮޅެއް އޭނާގެ ހެދުމުގައި ހަރުކުރުމުންނެވެ. މިކަމާ ގުޅިގެން ފެބްރުއަރީ މަހު ގާޑިއޯލާއަށް އިންޒާރުދީ އެކަން ރަނގަޅު ކުރުމަށާއި މާޗް މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވުމަށް އޭނާއަށް ފުރުސަތު ދީފައެވެ.

އެހެން ނަމަވެސް ގާޑިއޯލާ އެކަން ރަނގަޅު ނުކުރުމުން ހަފްތާއަކު އޭނާގެ މުސާރައަށްވާ އަދަދުގެ 10 އިންސައްތަ އިން އޭނާ ޖޫރިމަނާ ކުރުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. ގާޑިއޯލާ ބުނެފައި ވަނީ ޖޫރިމަނާކުރި ނަމަވެސް ރީނދޫ ރިބަން އޭނާގެ ހެދުމުން ނުގެއްލޭނެ ކަމަށެވެ. ރީނދޫ ރިބަނަކީ މިދިޔަ އަހަރުގެ ތެރޭގައި ކެޓަލޯނިއާ މިނިވަންވުމަށް ނެގި ވޯޓަށް ފަހު ސްޕެއިންގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ކެޓަލޯނިއާގެ ރައްޔިތުންގެ ހައްގުގައި އޭނާ ބޭނުންކުރާ ނިޝާނެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ. 

ގާޑިއޯލާ ބުނެފައި ވަނީ ސިޔާސީ ހައްޔަރުގައި ޖަލުގައި ތިބި ހުރިހާ ފަރާތްތައް ވެސް ވަގުތުން މިނިވަންކުރުމަށް ގޮވާލާ ކަމަށާއި ކެޓަލޯނިއާގެ އެއްވެސް ރައްޔިތަކު މިނިވަންކަމުގެ ދަތުރުގައި ކުށެއް ކޮށްފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނީ ޔުއެފާ ނުވަތަ ފީފާ އިން އެކަމާ ގުޅިގެން އޭނާ ސަސްޕެންޑްކުރި ނަމަވެސް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ. 

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ ގަވާއިދު ބުނާ ގޮތުން އެއްވެސް ސިޔާސީ މެސެޖެއް ފޯރުކޮށްދޭ ނިޝާނެއް ހެދުމުގައި ހުރުމަކީ މަނާ ކަމެކެވެ. އެ އެސޯސިއޭޝަނުން ނިންމާފައި ވަނީ ގާޑިއޯލާގެ ހެދުމުގައި ހަރުކޮށްފައި ހުންނަ ރީނދޫ ރިބަނަކީ ސިޔާސީ ސަބަބަކަށްޓަކައި ހަރުކޮށްފައި ހުންނަ އެއްޗެއްގެ ގޮތުގައެވެ. 

ގާޑިއޯލާއަކީ ކެޓަލޯނިއާގެ މިނިވަން ކަމަށް ފާޅުގައި މަސައްކަތްކުރާ މީހެކެވެ. ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ގާޑިއޯލާ ވަނީ ކެޓަލޯނިއާގެ ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް