ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖަރުމަނުގެ ހުނަރުވެރިން ފޯވާޑް މާކޯ ރެއުސް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެއުސް ހޯދުމަށް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަކުން މަސައްކަތްކުރިއެވެ. އޭގެ ތެރޭގައި އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޓޮޓެންހަމް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކަކުލު ހުޅަށް ލިބުނު އަނިޔާއަކުން ސަލާމަތްވުމަށް ފަހު ރެއުސް ވަނީ އަލުން އެނބުރި ޑޯޓްމަންޑްގެ ޓީމާ ގުޅިފައެވެ. އޭނާ އެޓީމާ އެކު ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ނިޔަލަށް ޑޯޓްމަންޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރެއުސް ދެމިހުންނާނެއެވެ.
ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ވާހަކަ ދައްކަމުން ރެއުސް ބުނީ 2012 ވަނަ އަހަރުގެ ފަހުން އޭނާ ފެންނަމުންދަނީ ޑޯޓްމަންޑްގެ ރީނދޫ ޖާޒީ އިން ކަމަށާއި އަނެއްކާ ވެސް އިތުރު ފަސް އަހަރު އެ ޖާޒީ ލުމުގެ ފުރުސަތު ލިބުމަކީ އުފާވެ އެކަމަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ޑޯޓްމަންޑަކީ އޭނާގެ ޓީމު ކަމަށާއި ކުޑައިރު ވެސް ޑޯޓްމަންޑްގެ ޖާޒީލުމުގެ ހުވަފެން ދެކުނު ކަމަށެވެ. އޭނާ ބުނީ ކޮންޓްރެކްޓްގައި ސޮއިކުރީ ވަރަށް ވިސްނުމަށް ފަހު ކުރިމަގު އޮތީ ޑޯޓްމަންޑާ އެކު ކަމަށް ވިސްނުމުން ކަމަށެވެ.
ޑޯޓްމަންޑްގެ ސްޕޯޓިން ޑިރެކްޓަރ މައިކަލް ޒޯކް ބުނީ ރެއުސްއަކީ ކޮންމެ ޓީމަކަށް ވެސް ކުރިއެރުން ގެނެސްދޭނެ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ މުހިންމު ލަނޑުތައް ޖަހައިދޭ ކުޅުންތެރިއެއް ކަމަށެވެ. އަދި ޑޯޓްމަންޑްގެ އެޓޭކް ބިނާވެފައި ވަނީ ރެއުސްއަށް ކަމަށާއި އޭނާއަކީ ކްލަބްގެ މޫނުމަތި ކަމަށް ވެސް ޒޯކް ބުނެފައި ވެއެވެ.
އެ ޓީމުގެ ސީއީއޯ ހާންސް ޔޯކިމް ވަޓްޒްކޭ ބުނީ ދުނިޔޭގެ އެންްމެ ބޮޑު ޓީމުތަކުން އޭނާ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ޑޯޓްމަންޑްގެ ކޮންޓްރެކްޓް އާކުރުމަށް ރެއުސް ނިންމުމުން އެކަމަށް އުފާކުރާ ކަމަށެވެ. އޭނާ ބުނީ ރެއުސްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި އެކަމުގެ ސަބަބުން ކޮންޓްރެކްޓްގެ މަޝްވަރާތައް ވެސް ވަރަށް ފަސޭހަވެގެން ދިޔަ ކަމަށެވެ. ހަމައެހެންމެ ރެއުސްއަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށާއި އޭނާއާ މެދު ޑޯޓްމަންޑްގެ ހުރިހާ ފަރާތްތަކުން ވެސް ފަހުރުވެރިވާ ކަމަށެވެ.
ބޮރޫޝިއާ މޮޗެންގްލެޑްބެކް ދޫކޮށް 2012 ވަނަ އަހަރު ޑޯޓްމަންޑާއި ގުޅުމަށްފަހު ރެއުސް އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފައެވެ. އަށް މަސް ދުވަހުގެ އަނިޔާއަކުން އެނބުރި އައިސް ރެއުސް ވަނީ ހެމްބާގްއާ ދެކޮޅަށް ޑޯޓްމަންޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ. އޭގެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ. ޖަރުމަނުގެ ގައުމީ ޓީމަށް 29 މެޗު ކުޅެދީފައިވާ ރެއުސް ވަނީ ދެ ފަހަރެއްގެ މަތިން ޖަރުމަނު ބުންޑެސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.