މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒްގެ ބޭނުން އެ ޓީމަށް އެންމެ ރަނގަޅަށް ނުހިފޭ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
އުމުރުން 29 އަހަރުގެ ފޯވާޑް ޔުނައިޓެޑާ ގުޅިފައި ވަނީ މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑްގެ ވާދަވެރި އާސެނަލް ދޫކޮށްލުމަށް ފަހުއެވެ. އޭނާ ޔުނައިޓެޑާ އެކު ހަތަރު އަހަރާ ބައިގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ އިރު އެ ޓީމަށް ކުޅުނު އަށް މެޗުގައި އޭނާއަށް ޖެހިފައި ވަނީ އެންމެ ލަނޑެކެވެ. މިކަމާ ގުޅިގެން އޭނާއަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ސަންޗޭޒް އަންނަނީ ޔުނައިޓެޑްގެ ކުޅުމުގެ ވައްޓަފާޅިއަށް ހޭނުމަށް މަސައްކަތް ކުރަމުން ކަމަށާއި އޭނާގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގޮތްތައް އެ ޓީމުން ހޯދުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މޮރީނިއޯ ބުނީ އޭނާއަކީ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓަށް ތާއިދުކުރާ މީހެއް ނޫން ކަމަށާއި ސަންޗޭޒް އެ ޓީމާ ގުޅުނީ އެންމެ ގޯސް ވަގުތުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ސަންޗޭޒް ގެނައީ އެހެން ޓީމަކަށް އޭނާ ދިޔުމަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށާއި އޭނާ ގެނައި އިރު ވެސް މި މައްސަލަތައް ދިމާވާނެކަން އެނގޭ ކަމަށެވެ. މޮރީނިއޯ ބުނީ އަންނަ ސީޒަނުގައި ސަންޗޭޒްގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އިނގިރޭސި ފުޓްބޯޅަ ދިރާސާ ކުރަމުން އަންނަ ބައެއް ފަރާތްތަކުން ބުނަމުން ދަނީ ޔުނައިޓެޑާ ސަންޗޭޒް ގުޅުނު ފަހުން އެ ޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ފޯމު ދަށްވެފައިވާ ކަމަށެވެ. މޮރީނިއޯ ބުނީ ސަންޗޭޒް އައުމާ އެކު އެފަދަ އަސަރެއް ޕޮގްބާއަށް ކުރިކަމަށް ގަބޫލު ނުކުރާ ކަމަށާއި މިއީ އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ޕޮގްބާ އާއި ސަންޗޭޒްއާ ދެ ކުޅުންތެރިން އެކުގައި ރަނގަޅަށް ކުޅެން ފެށުމާ އެކު ކޮންމެ ޓީމެއް ވެސް ޔުނައިޓެޑް ދެކެ ބިރު ގަންނަން ޖެހޭނެ ކަމަށް ވެސް މޮރީނިއޯ ބުނެފައި ވެއެވެ.
މީގެ ކުރިން ބާސެލޯނާއަށް ވެސް ކުޅެފައިވާ ސަންޗޭޒްގެ ފަރާތުން ލަނޑު ފެންނަމުން ނުދިޔަ ނަމަވެސް މޮރީނިއޯ ހުރީ އޭނާގެ ފަރާތުން ފެންނަމުންދާ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހިފައެވެ. އެގޮތުން އޭނާ ބުނީ މެޗުގެ ކުރިން ހަވާލުކުރާ ޒިންމާ އަދާކުރުމަށް ސަންޗޭޒް ފަސް ނުޖެހޭ ކަމަށާއި އެޓޭކް އުފެއްދުމަށް އޭނާ މަސައްކަތްކުރާ ކަމަށެވެ. އަދި ޑިފެންސްގައި ވެސް ސަންޗޭޒްގެ އެހީތެރިކަން ލިބޭކަން ފާހަގަކުރަމުން މޮރީނިއޯ ބުނީ އޭނާގެ ފަރާތުން ގޯހެއް ހެދުނު ނަމަވެސް އެ ގޯސް ރަނގަޅު ކުރުމަށް އަވަސްވެގަތުމަކީ ސަންޗޭޒްގެ ކިބައިގައި ހުރި މޮޅު ސިފައެއް ކަމަށެވެ.
ޕްރިމިއާ ލީގުގައި ސަންޗޭޒް މިހާތަނަށް ޖުމްލަ 127 މެޗު ކުޅެފައިވާއިރު އޭނާވަނީ 61 ލަނޑު ޖަހާފައެވެ. ޕްރިމިއާ ލީގުގެ މި ސީޒަނުގައި މިހާތަނަށް 29 މެޗު ކުޅެފައިވާއިރު 62 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައެވެ.