އާސެނަލްއަކީ މޮޅު ޓީމެއް ކަން އެ ޓީމުގެ ކުޅުންތެރިން ހަނދާން ނެތިއްޖެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.
އާސެނަލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ބަލިވެފައިވާއިރު އެ ޓީމު ވަނީ އިނގިރޭސި ލީގު ކަޕްގެ ފައިނަލުން ވެސް ބަލިވެފައެވެ. ޔުރޮޕާ ލީގުގައި ސްވިޑެންގެ އޮސްޓަސަންޑްސް އަތުން ބަލިވިއިރު ޕްރިމިއާ ލީގުގައި އަލަށް ޕްރޮމޯޓްވި ބްރައިޓަން އަތުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުން ބަލިވި ނަމަވެސް އެ ޓީމު ވަނީ އެ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ. ޔުރޮޕާ ލީގުގެ ގަދަ 16 ގައި އާސެނަލް ނުކުންނާނީ އިޓަލީގެ ގަދަ ބާރު އޭސީ މިލާންއާ ދެކޮޅަށެވެ. އާސެނަލްގެ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ވެންގާއަށް ވަނީ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ވެންގާ ބުނީ ކުޅުންތެރިން މެޗުން މޮޅުވާން ބޭނުންވި ނަމަވެސް އެގޮތަށް ކަން ހިނގަމުން ނުދިޔުމާ އެކު ކުޅުންތެރިންނަށް ވެސް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ އާސެނަލްއަކީ މޮޅު ޓީމެއް ކަން ކުޅުންތެރިން ވެސް ހަނދާން ނެތިފައިވާ ކަމަށާއި ކުޅުންތެރިންގެ ވިސްނުމަށް މެޗުތަކުން ބަލިވުމުގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. އޭނާ ބުނީ ފޯކަސް ކުރަންވީ ރަނގަޅު ކުރެވޭނެ ކަންކަމަށް ކަމަށާއި ގޯސް ނަތީޖާތަކުގެ ސަބަބުން ކުރިމަތިވާ ފާޑުކިޔުންތަކަށް މާ ބޮޑު ސަމާލުކަމެއް ދޭން ނުޖެހޭ ކަމަށެވެ.
މިއަހަރަކީ އާސެނަލްއަށް ދަތި އަހަރަކަށް ވެފައިވާއިރު އެ ޓީމާ ދެކޮޅަށް ނުކުންނަ އޭސީ މިލާނުން ވަނީ ނަތީޖާތައް އަނބުރާލާފައެވެ. އެ ޓީމުގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި ގަޓޫސޯއަށް ފުރަތަމަ ދުވަސްކޮޅު ދަށް ނަތީޖާތަކެއް ލިބުނު ނަމަވެސް އޭނާ އަންނަނީ މިއަހަރުގެ ތެރޭގައި މިލާނަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުންނެވެ.
އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ވެންގާ ބުނީ ގަޓޫސޯ އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުން ކަމަށާއި ހަގު ކޯޗަކަށް ވިޔަސް އޭނާގެ ފަރާތުން އިރުޝާދު ހޯދުމަކީ ގޯސް ކަމަކަށް ވާނެ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
މިދިޔަ ސީޒަނުގައި އާސެނަލް އިން ވަނީ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މި ސީޒަނުގައި އާސެނަލްއަށް ޕްރިމިއާ ލީގުގެ ތެރެއިން ޗެމްޕިއަންސް ލީގުގެ ފުރަސަތު ނުލިބޭނެކަން ވަނީ ކަށަވަރުވެފައެވެ. އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ލިބެން އޮތީ ޔުރޮޕާ ލީގު ކާމިޔާބުކޮށްގެންނެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ވެންގާ ބުނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެ ޓީމަށް 75 ޕޮއިންޓް ލިބުނު ކަމަށާއި އެހެން ނަމަވެސް ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުނީ އެންމެ ޕޮއިންޓެއް މަދުވުމުގެ ސަބަބުން ކަމަށެވެ. އެނާ ބުނީ ޔުރޮޕާ ލީގު ކާމިޔާބުކުރުމަށް ބޮޑު ޕްރެޝަރެއް އޮތްކަން ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް އެފަދަ ފުރުސަތެއް ގެއްލުވާލަން ބޭނުންނުވާ ކަމަށެވެ. އަދި ޓީމުގެ ކޮލިޓީ ދެއްކުމަށް އެންމެ ރަނގަޅު ފުރުސަތަކީ އުނދަގޫ ދަނޑިވަޅެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވެންގާ ބުނެފައިވެއެވެ.
ވެންގާގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި އާސެނަލް ކުޅުނު 45 މެޗުން އެ ޓީމު މޮޅުވީ 22 މެޗުންނެވެ. ނުވަ މެޗުން އެއްވަރުވެފައިވާއިރު 14 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.