ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 21:12
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
ލިއޮނެލް މެސީ
މެސީގެ ރިލީސް ފީ އެހެން ޓީމަކަށް ދެއްކިދާނެ: ބާސެލޯނާ
އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 700 މިލިއަން ޔޫރޯ
މެސީ ބާސާއާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2020 ވަނަ އަހަރު

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ރިލީސް ފީ އެހެން ޓީމަކަށް ދެއްކިދާނެ ކަމަށް ބާސެލޯނާއިން ބުނެފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ބާސާއާ އެކު މެސީ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާއިރު އެ ކޮންޓްރެކްޓްގެ ދަށުން އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 700 މިލިއަން ޔޫރޯއެވެ. އެހެންކަމުން ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އެހެން ޓީމަކުން މެސީ ގެންދަން ބޭނުންވާނަމަ 700 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެއެވެ. މެސީ ބާސާއާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށެވެ.

ބާސާގެ ފައިނޭންޝަލް އަދި ސްޓެރެޓެޖީ ޑައިރެކްޓާ ޕަންޗޯ ޝްރޯޑާ ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ބުނީ މެސީގެ ރިލީސް ފީއެއްގެ ގޮތުގައި އެހާ ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ މެސީ ބާސާގައި ރިޓަޔާ ކުރާނެ ކަމުގެ ޔަގީންކަން ހޯދުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނީ މީގެ އަހަރެއްހާ ދުވަސް ކުރިން ނޭމާގެ ރިލީސް ފީ ވެސް ނުދެއްކޭނެ ކަމަށް ގަބޫލުކުރި ކަމަށާއި އެހެން ނަމަވެސް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ނޭމާގެ ރިލީސް ފީ ދެއްކުމަށް ފަހު ޕީއެސްޖީ އިން އޭނާ ގެންދިޔަ ކަމަށެވެ. އޭނާ ބުނީ ޓްރާންސްފާ މާކެޓުގައި ކަންކަން ހިނގާނެ ގޮތެއް މިހާރު ބުންނަ ނޭނގޭ ކަމަށާއި މުސްތަގުބަލުގައި މެސީ ގެންދިޔުމުގެ ފުރުސަތު އެކަމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ޓީމަކަށް ވެސް ލިބިފައިވާ ކަމަށެވެ.

އާ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކުރިން މެސީ ގެންދިޔުމަށް ފްރާންސްގެ ޕީއެސްޖީ އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އިން މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޕެޕް ގާޑިއޯލާގެ ޕްލޭން ފުރިހަމަކުރުމުގެ ގޮތުން މެސީ ގެންދިޔުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގައި ވެސް މެސީ އަންނަނީ ބާސާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި 32 ލަނޑު އޭނާ ޖަހާފައިވާއިރު ބާސާ އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ. ހަމައެހެންމެ އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކޮޕާ ޑެލްރޭ ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.

މެސީ ބާސެލޯނާއާ ގުޅުނީ 2000 ވަނަ އަހަރުއެވެ. އޭރު އުމުރުން 13 އަހަރުގެ މެސީ އެކްލަބުގެ ޔޫތު ޓީމްތަކާ އެކު މޮޅު ކުޅުމެއް ދެއްކުމަށް ފަހު، އެކްލަބުގެ ސީނިއަރ ޓީމަށް ކުޅެދިން ފުރަތަމަ މެޗަކީ އުމުރުން 16 އަހަރުގައި ބާސެލޯނާ އަދި ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗެވެ. ބާސެލޯނާގެ ސީނިއަރ ޓީމަށް މެސީ ކުޅެދިން ރަސްމީ ފުރަތަމަ މެޗަކީ ޖެހިގެން އައި ސީޒަނުގައި އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅުނު މެޗެވެ. އޭރު މެސީގެ އުމުރަކީ 17 އަހަރެވެ.

ބާސާއެކު 30 ތަށްޓެއް ކާމިޔާބުކޮށްފައިވާ މެސީ ވަނީ އެ ޓީމަށް ކުޅުނު 624 މެޗުގައި 539 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް